20 Jan 2018, 17:54
"ވަރަށް އަނިޔާވެސް ކުރި. ކަރުގައި ހިފައި، ނޭވާވެސް ހާސްކުރި. ބޭނުންވަނީ އިންސާފު،" ދުވާފަރުގައި ގުރޫޕަކުން ރޭޕްކުރި އަންހެން މީހާގެ އާއިލާއިން ހޮނިހިރު ދުވަހު "ސަން"އާ ވާހަކަ ދައްކަމުން ބުނީ މިހެންނެވެ.
ރ. ދުވާފަރުގައި ބުރާސްފަތު ދުވަހުގެ ރޭ ގުރޫޕަކުން އަންހެނަކު ރޭޕްކޮށްފައިވާއިރު ފުލުހުން ވަނީ އެކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފައެވެ. އެ އަންހެން މީހާއަކީ ރ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. އޭނާ ދުވާފަރުގައި ދިރިއުޅެމުން ދިޔައީ އެ ރަށު މީހަކާ އިނދެގެންނެވެ. އޭނާގެ އުމުރަކީ 25 އަހަރެވެ.
އެ ހިތާމަވެރި ހާދިސާ ހިނގި ފަހުން އޭނާ މިހާރު ވަނީ އޭނާގެ އުފަން ރަށަށް ބަދަލުވެފައެވެ. އޭނާގެ އާއިލާއިން ވަނީ އެކަން ހިނގައިދިޔަ ގޮތް ތަފްސީލްކޮށް "ސަން"އާ ހިއްސާކޮށްފައެވެ. ނަމަވެސް ތަހުގީގަށް ހުރަސް އެޅިދާނެ ފަދަ ބައެއް މައުލޫމާތު މި ލިޔުމުގައި ނުހިމަނަމެވެ.
އަންހެން މީހާގެ އާއިލާއިން ބުނީ އެ ހާދިސާ ހިނގީ ބުރާސްފަތި ދުވަހުގެ މެންދަމުން އަލިވެ 3:00 ކަންހާއިރު ކަމަށެވެ. އޭރު އެގޭގައި ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާއާ އޭނާގެ މައިދައިތަ އަދި އިތުރު ފިރިހެނަކު އުޅުނެވެ. އެންމެންވެސް ތިބީ ނިދާފައެވެ. އަންހެންމީހާގެ އާއިލާއިން ބުނީ އެމީހުން އެ ގެއަށް ވަނީ ކުޑަ ދޮރުން ކަމަށެވެ.
"އެމީހުން ކުޑަ ދޮރުން ގޭ ތެރެއަށް ވަނީ. ބޮޑަށް ހީވަނީ ކުޑަ ދޮރު ހަލާކު ކޮށްލައިގެން ކަމަށް ވަނީ. އެމީހުން ވަން އިރު އަންހެމީހާ އޮތީ އޭނާގެ ކޮޓަަރީގައި ނިދާފައި،" އާއިލާގެ ފަރާތުން ކިޔައިދިނެވެ.
އަންހެން މީހާއާ ހަވާލާދީ އާއިލާއިން ބުނީ ކޮޓަރިއަށް ވަދެ އޭނާ ރޭޕް ކުރަން މަސައްކަތް ކުރީ ހަ މީހުންގެ ގުރޫޕަކުން ކަމަށެވެ. އަދި އެމީހުންނަކީ ކޮން ބައެއް ކަންވެސް އަންހެން މީހާއަށް އެނގެއެވެ. އެމީހުންނަކީ އާންމުކޮށްވެސް އެ ގެއަށް ވަދެ ހަދާ ބައެއް ކަމަށްވެއެވެ.
"[އޭނާ] ބުނޭ އެމީހުން ދަންނަމޭ. މީގެކުރިން އެ ގެއަށް ވަދެ ހަދާ ބައެއް ކަމަށް ވަނީ."
އެރޭ އެ ހަ މީހުން އަންހެން މީހާ ނިދާކޮޓަރިއަށް ވަދެ އޭނާ ހިފެހެއްޓުމަށް ފަހު ކޮޓަރީގެ ބޮކިތައް ނިއްވާލި ކަމަށް އާއިލާއިން ބުނެއެވެ. އަދި އޭނާގެ އަތުގަޔާއި އަނގަމަތީގައި އަތް އެޅުމަށް ފަހު އޭނާއަށް އަނިޔާ ކުރި ކަމަށްވެސް އަންހެން މީހާގެ އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.
"އަންހެން މީހާއަށް ވަރަށް އަނިޔާކޮށްފައި ހުރި. ކަރުގައިވެސް ހިފި. އަދި އަނގަމަތީގައިވެސް އަތް އަޅައި، ހަޅޭއް ނުލެވޭގޮތައް އަނގަ ބަންދު ކުރި."
ހާދިސާ ހިނގަމުން ދިޔައިރު ވަކި މީހަކު އެމަންޒަރު ފޮޓޯ ނަގަމުން ދިޔަކަމަށް ވެއެވެ. އަދި އެވާހަކަ އިތުރު މީހަކު ގާތު ދައްކައިފިނަމަ އެ ފޮޓޯތައް ލީކު ކޮށްލާނެ ކަމުގެ އިންޒާރުވެސް އެ މީހުން ދީފައިވާ ކަމަށް އާއިލާއިން ބުނެއެވެ.
"އެކަކު ހުރި ހަމަ ފޮޓޯ ނަގަން. ބިރުވެސް ދެއްކި ފޮޓޯތައް ލީކު ކޮށްލާނެ ކަމަށް ބުނެ. އެމީހުން ދިޔަ ފަހުން ފުލުހުން އައީ. ނޭނގެ ކާކުކަމެއް ރިޕޯޓް ކުރީ."
ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާގެ އާއިލާއިން ބޭނުންވަނީ އޭނާއަށް އިންސާފު ލިބުމެވެ. އަދި އެ އަމަލު ހިންގި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް އާއިލާއިން ވަނީ ގޮވާލާފައެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އިންސާފު. އެއްދުވަހު ދެ ދުވަހު ދައްކާ ވާހަކައަކަށް މިކަން ވާކަށް ބޭނުމެއް ނޫން،" އާއިލާއިން ބުންޏެވެ.
މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހަޅާފައިިވާތީ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
ދުވާފަރުގައި ހިނގި ރޭޕްގެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ފަސް މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކުވެސް ހިމެނޭ ކަމުގެ މައުލޫމާތު "ސަން"އަށް ވަނީ ލިބިފައެވެ.
އެ ރަށުން މައުލޫމާތު ދިން މީހާ ބުނީ ޒުވާން އަންހެނަކު ރޭޕް ކޮށްގެން ހައްޔަރުކުރި ފަސް މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 18 އަހަރުން ދަށުގެ ކުއްޖާ ފިޔަވައި ދެން ތިބި މީހުންނަށް 10 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ. 18 އަހަރުން ދަށުގެ ކުއްޖާ ބަންދުގައި ބަހައްޓަން އަމުރު ކުރީ ހަތް ދުވަހަށް ކަން "ސަން" އަށް ވަނީ އެނގިފައެވެ.
ދުވާފަރުގައި އަންހެނަކު ރޭޕްކޮށްފައިވާއިރު މި މަހުގެ ކުރީކޮޅު މާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި ކުޑަކުއްޖަކު ރޭޕް ކުރުމަށްފަހު ބްލެކްމެއިލް ކުރި މައްސަލައެއް ލ. ކަލައިދޫގައި ފެންމަތިވިއެވެ. އެ ދެ މައްސަލައާ ގުޅިގެން ވެސް ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ.
ގާނޫނުގައި ބުނެފައިވަނީ ރޭޕް ކުރާ މީހެއްގެ އަދަބަކީ 15 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުންކަމަށެވެ.