މަސްވެރިކަމަށް ނުކުމެ އުޅުނު ގއ. ކަނޑުހުޅުދޫ ދޯންޏެއް ބިންދައިގެން ހިނގައްޖެއެވެ.

ބިންދައިގެންދިޔަ "ރަންދުވެލި 105" ދޯނީގެ ފަޅުވެރިއެއް ކަަމަށްވާ އަބްދުލް ގައްޔޫމް "ސަން" އަށް ބުނީީ އެ ދޯނި ބިންދައިގެން ދިޔައީ ކަނޑުހުޅުދުއާ ދިމާލުން ބޭރުން އިރުމަތީ ފަރާތުން 18 މޭލު ދުރުގައި ކަމަށެވެ.

"ރަންދުވެލި 105" ދޯންޏަކީ 95 ފޫޓުގެ ދޯންޏެކެވެ. އަދި އެ ދޯންޏަށް މިހާރު 13 އަހަރު ވެދާނެ ކަމަށް ވެސް ގައްޔޫމް ބުންޏެވެ. އެ ދޯނި ބިންދައިގެން ދިޔައީ މިއަދު މެންދުރުފަހު 2:00 ހާއިރެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ މެންބަރު ޝާހިދު އިބްރާހިމް ދީދީ 'ސަން'އަށް ވިދާޅުވީ މަހަށް ނުކުމެ އުޅެނިކޮށް ބިންދައިގެންދިޔަ ދޯނި މިހާރު ފަޅުތެރެއަށް ވައްދާފައިވާ ކަމަށެވެ.

"ދާދި ދެންމެއަކު އެ ދޯނި ފަޅުތެރެއަށް ވައްދައިފި. އެ ދޯނި ފަޅުތެރެއަށް ވެއްދީ އިތުރު ތިން ދޯނީގައި ކަފު ޖަހައިގެން،" އޭނާ ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އެ ދޯނިން 25 ފަޅުވެރިން ދަތުރުކުރި ކަމަށާއި، ބިންދައިގެން ދިޔައީ ދޯނީގެ މެދެއްހާ ހިސާބުން އެންވަތާ ދިމާލުން ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.