އިންޑިއާގެ މުމްބާއީގައި ކުރިޔަށް ދިޔަ އައުޓްބައުންޑް ޓްރެވަލް މާކެޓު (އޯޓީއެމް)ގައި "ބެސްޓް ޑެކަރޭޝަން ސްޓޭންޑް"ގެ އެވޯޑާ އެކު ދިވެހިރާއްޖެ ވިދާލައިފިއެވެ.

މި ފެއާ ކުރިޔަށް ދިޔައީ މި މަހުގެ 17 އިން ފެށިގެން މިއަދުގެ ނިޔަލަށެވެ.

ފެއާ ނިމުނު އިރު، ރާއްޖެއަށް ފެއާގައި ލިބުނު ޚާއްސަ އެވޯޑާ ހަވާލުވީ އެމްއެމްޕީއާރުސީގެ ޑެޕިއުޓީ ޗީފް މާކެޓިންގް އޮފިސަރ ފާތިމަތު އަފްރާއާއި މާކެޓިންގް އެގްޒެކެޓިވް މުސްތަގީމާ އިގުބާލެވެ.

އެ ފެއާގައި ރާއްޖެއިން ބޭނުންކޮށްފައިވާ ސްޓޭންޑަކީ އެމްއެމްޕީއާރުސީން ބިޑަށް ހުޅުވާލައިގެން އިންޑިއާގެ ތިންކް ސްޓޯބެރީޒް ނަމަކަށް ކިޔާ ކުންފުންޏަކުން ހަދާ ފަރުމާކޮށްފައިވާ ސްޓޭންޑެއް ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެެއެވެ. ތިންކް ސްޓްރޯބެރީޒްއަކީ އިންދިއާގައި ހަރަކާތްތެރިވާ، އެމްއެމްޕީއާރުސީގެ ޕީއާރު ރެޕްރެޒެންޓޭޓިވެވެ.

އިންޑިއާގެ މުމްބާއީގައި ކުރިއަށްގެންދިޔަ އޯޓީއެމް ފެއާގައި ރާއްޖޭގެ ސްޓޭންޑް -- ފޮޓޯ/ އެމްއެމްޕީއާރުސީ

ދުނިޔޭގެ އެކި ހިސާބުންތަކުން 60 އަށްވުރެ ގިނަ ގައުމުތަކުން 1،300 އަށްވުރެ ގިނަ އެގްޒިބިޓަރުންނާ އެކު ބާއްވަމުން އަންނަ އޯޓީއެމް ފެއާގައި މިއަހަރު ރާއްޖެއިން ބައިވެރިވެފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއެކު ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ 15 ކުންފުންޏަކުން 23 ފަރާތެކެވެ.

އެމްއެމްޕީއާރުސީން ބުނީ،އެ ފެއާގައި ބޮޑަށް އިސްކަންދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި މަންޒިލުތަކުގެ ތެރެއިން އިންޑިއާގެ ފަތުރުވެރިން ޝައުގުވެރިވާނެ މަންޒިލުތައް ދައްކާލައި، އިންޑިއާ ފަތުރުވެރިން އައުން ގިނަކުރެވެން ހުރި ކަންކަމުގެ މައްޗަށް ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން މާކެޓުކޮށް ކުރިއެރުވުމަށް އެމްއެމްޕީއާރުސީން ސްޕެއިންގެ މެޑްރިޑްގައިވެސް ފެއާއެއްގައި ބައިވެރިވަމުންދާއިރު މިއަދު ޖަރުމަނުގައި އޮންނަ "ބޫޓް ޓްރޭޑް ފެއާ" ގައިވެސް ބައިވެރިވަން ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.