16 Aug 2011, 11:53
ބޭންކް އޮފްމޯލްޑިވްސްގެ ]ބީއެމްއެލް[ގެ ކަސްޓަމަރެއްގެ އެކައުންޓުން މިލިއަނެއްހާ ރުފިޔާ މަދުވެފައި ވަނީ އެ ބޭންކުގެ މުވައްޒިފެއްގެ އިހުމާލުން ނޫން ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެމެރިކަން އެކްސްޕްރެސް ގޯލްޑް ކާޑެއް ގެންގުޅޭ ބީއެމްއެލްގެ ކަސްޓަމަރެއްގެ އެކައުންޓުން 971460ރ. ޖުލައި 10 ވަނަ ދުވަހު މަދުވި މައްސަލައެއް ފުލުހުން ވެސް އަދި ބޭންކުން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ބީއެމްއެލުން ވެސް އަދި ފުލުހުން ވެސް ވަނީ ބުނެފަ އެވެ.
އެ ފަރާތުގެ އެކައުންޓުން ގެއްލުނު ފައިސާ ނަގާފައި ވަނީ، އޭނާގެ އެކުންޓުން ދޫކޮށްފައިވާ ޗެކަކުންނެވެ. ނަމަވެސް އޭނާ މީޑިއާގައި ބުނެފައި ވަނީ އޭނާގެ ޗެކުފޮތުގައި އެ ނަންބަރުގެ ޗެކު އަދި ބޭނުންނުކޮށް އޮތް ކަމަށެވެ.
ފުލުހުން އިއްޔެ ބުނީ ބީއެމްއެލްގެ އެކައުންޓަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި މައްސަލައިގައި މީހަކު ހައްޔަރުކުރެވި ސުވާލު ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ އިތުރު މައުލޫމާތެއް ފުލުހުން އާންމެއް ނުކުރި އެވެ.
ބީއެމްއެލް އިން ވެސް އިއްޔެ ވަނީ އެކައުންޓަކުން ގިނަ އަދަދެއްގެ ފައިސާ މަދުވި މައްސަލައިގައި ނޫސްބަޔާނެއް އާންމުކޮށްފަ އެވެ. އެ ބަޔާނުގައި ބުނަނީ އެ މައްސަލައިގާ ފުލުހުން ހައްޔަރުކޮށްފައި ވަނީ އެ ބޭންކުގެ މުވައްޒިފެއް ނޫން ކަމަށާއި ޗެކަށް ފައިސާ ދޫކޮށްފައި ވަނީ ވެސް ޗެކަށް ފައިސާ ދޫކުރުމަށް ބޭންކުގައި ކަނޑައެޅިފައި އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި ބުނީ އެ ފައިސާ ގެއްލުމުގައި ކަސްޓަމަރުގެ އިހުމާލެއް ނުވާ ނަމަ ގެއްލުނު ފައިސާ ބޭންކުން އެ ކަސްޓަމަރަށް ދޭނެ ކަމަށެވެ.
"މި ފަދަ މައްސަލައެއް ދިމާވެއްޖެ ނަމަ ތަހުގީގު ނިންމުމަށް ފަހު ކަސްޓަމަރެއްގެ އިހުމާލު ނުވާ ނަމަ އެ ފައިސާ އަނބުރާ ދެވޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ. މިކަން ވާނީ ލިޔުމަކުން އެފަރާތަށް އެންގިފަ އެވެ،" ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.
ބޮޑަތި އަދަދުތަކުން ފައިސާ ގެއްލިފައިވާ މައްސަލަތަކުގައި މީގެ ކުރިން ވަނީ އެކި ފަހަރުމަތިން ބޭންކުގެ މުވައްޒަފުން ހައްޔަރުކުރެވި ފިޔަވަޅު ވެސް އެޅިފަ އެވެ.