އެންގޯލާއިން ބައިނަލްއަގްވާމީ އެއާލައިންތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު 500 މިލިއަން ޑޮލަރަށް އަރައިފިއެވެ.

އެންގޯލާއިން ފައިސާ ދައްކަންޖެހޭ އެއާލައިންތަކުގެ ތެރޭގައި އެމިރޭޓްސް، ލުފްތަންސާ އަދި އެއާ ފްރާންސް ހިމެނެއެވެ.

ބޭރު ފައިސާގެ ރިޒާވް ވަރަަށް ބޮޑަށް ދަށަށް ދިޔުމުން އެންގޯލާއިން އެއާލައިންތަކަށް ފައިސާ ދެއްކުން މަޑުޖައްސައިލައިފައިވާ ކަމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓު އެސޯސިއޭޝަންއިން (އަޔާޓާ) އިން ބުނެއެވެ.

އަޔާޓާއިން ވަނީ އެއާލައިންތަކަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެންގޯލާގެ ސަރުކާރާއެކީ މިދިޔަ ހަފުތާގައި މަޝްވަރާތައް ވެސް ބާއްވައިފައެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓުމުން، ތެލަށް ބަރޯސާވެފައިވާ ނައިޖީރިއާ އަދި އެންގޯލާފަދަ ގައުމުތަކުގެ ބޭރު ފައިސާގެ ރިޒާވް ވަނީ ވަަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެމިރޭޓިސްއިން މިދިޔަ އަހަރު އޮކްޓޯބަރު މަހު ވަނީ އެ އެއާލައިންއިން އެންގޯލާގެ ވެރިރަށް ލުއަންޑާއަށް ކުރާ ދަތުރުތައް ހުއްޓާލާނެ ކަމަށް ބުނެފައެވެ.

އިގްތިސާދަށް ދިމާވި ހީނަރުކަމާއެކު އެންގޯލާއިން ވަނީ އެގައުމުގެ ފައިސާގެ އަގު 18 އިންސައްތަ ދަށްކޮށްފައެވެ.

ފައިސާގެ މައްސަލަ ބޮޑުވެފައިވާއިރު އެންގޯލާގެ ރައީސްކަމަށް މިދިޔަ އަހަރު ވަޑައިގެންނެވި ޖޮއާއޯ ލޯރެންކޯއަށް މިއީ ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ޖޮއާއޯ ވެރިކަމަށް ވަޑައިގަތީ އެގައުމުގައި 40 އަހަރުވަންދެން ވެރިކަން ކުރެއްވި ޖޯސް އެޑުއާޑޯ ޑޮސް ސަންޓޯސްގެ ވެރިކަން ނިމުމަކަށް ގެނައުމަށްފަހުއެވެ.

މަސްދަރު: ބްލޫމްބާގް