20 Jan 2018, 12:10
ވޮޝިންގްޓަން(20 ޖެނުއަރި): އަންނަ އަހަރު އެމެރިކާގެ ސަރުކާރުގެ އެކި ހިދުމަތްތައް ދިނުމަށް ކޮންގްރެސްއިން ޝޯޓް ޓާމް ބަޖެޓް ފާސްނުކުރެވި އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އަތުވެއްޖެއެވެ.
ބަޖެޓް ފާސްކުރުމަށް ސުންގަޑި ރޭ މެންދަމު ހަމަވިއިރުވެސް އެމެރިކާގެ ސެނެޓުގައި ދިޔައީ ބަޖެޓާމެދު ބަހުސްތައް ކުރަމުންނެެވެ. ވައިޓް ހައުސް އިން ބުނީ ބަޖެޓު ފާސް ނުވީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ސަބަބުން ކަމަށެވެ.
އެމެރިކާގައި ގަވައިދާ ހިލާފަށް އުޅޭ މީހުން ހިމާޔަތްކުރަން މަސައްކަތްކުރުމަށް އެކުލަވާލި ބިލެއް ރިޕަބްލިކަން ޕާޓީން ދެކޮޅު ހެދުމުން ބަޖެޓު ފާސްކުރެވޭ ގޮތް ވަނީ ނުވެފައެވެ.
އެމެރިކާގެ ސަރުކާރު ބަންދުކުރީ މިއަދު ހެނދުނުއެވެ. މިއަދަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމަށް އެއް އަހަރު ފުރުނު ދުވަސްވެސް މެއެވެ.
ސަރުކާރު އަލުން ހުޅުވުމަށް ސެނެޓުގެ މައިނޯރިޓީ ލީޑަރު ޗާލްސް ޝޫމާ އާއެކު ޓްރަމްޕް ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުންވެސް ވަނީ ކޮޅެއްގައި ޖެހޭގޮތް ނުވެފައެވެ.
ނަވާރަ ސަތޭކަ ނުވަދިހައިގެ ފަހުން މިހާތަނަށް ވަނީ ތިން ފަހަރު އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައިސްފައެވެ. އެގޮތުން 2013 ވަނަ އަހަރު އެމެރިކާގެ ސަރުކާރު 16 ދުވަސް ވަންދެން ބަންދުކުރި އިރު، 800،000 އެއްހާ ސަރުކާރު މުވައްޒަފުން ދުވަސްކޮޅަކަށް ގޭގައި މަޑުކުރުމަށް އެންގިއެވެ.
މަސްދަރު:ޕްރެސްޓީވީ