ރާއްޖޭގެ އެންމެ ފުރަތަމަ ފްރެންޗައިޒް ޝޯ މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ހުށަހެޅުންތައް އަންނަ ފެބްރުއަރީ މަހުގެ ދޭކުން ފެށިގެން ދައްކާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެ ކަން އިއުލާންކޮށްފައިވަނީ މޯލްޑިވިއަން އައިޑޮލްގެ އޮފިޝަލް ފޭސްބުކް ޕޭޖްގައެވެ. އަންނަ މަހު އޮޑިޝަންތައް ދެއްކުމަށް ހަމަޖެހިފައިވާއިރު ވޭތުވެދިޔަ އަހަރުތަކަށް ވުރެ މިފަހަރުގެ އައިޑޮލް ސީޒަން ފަށާ ތާރީހް މި ވަނީ ލަސްވެފައެވެ.

މިފަހަރުގެ ސީޒަންގައި ހޯސްޓުންގެ ގޮތުގައި ފެނިގެންދާ މޫނުތަކަށް ބަލާއިރު ފިރިހެން ހޯސްޓަކީ މިފަހަރު ވެސް އެންމެންގެ އެކުވެރި މޫސާ ވަސީމެވެ. މިފަހަރުގެ ސީޒަންގައި ވެސް އަންހެން ހޯސްޓަކީ އާ މޫނެކެވެ. މި ސީޒަންގައި އަންހެން ހޯސްޓެއްގެ ގޮތުގައި ފެނިގެންދާނީ ރާއްޖެ އެފްއެމްގެ އާރްޖޭ ޝައިނާ ޝަރީފެވެ.

— Television Maldives (@tvmaldives)

ނަމަވެސް މޫސާ ވަސީމް ވަނީ ދާދި ފަހުން ޓީވީއެމް އިން އިސްތިއުފާ ދީފައެވެ. އެހެންކަމުން ސީޒަން ތިނެއްގެ ފިރިހެން ހޯސްޓާ މެދު ވަނީ ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދާފައެވެ.

މިފަހަރުގެ ސީޒަންގައި ހަތަރު ފަނޑިޔާރުން ފެނިގެންދާނެއެވެ. ފަނޑިޔާރުންގެ ގޮތުގައި ފެނިގެންދާނީ ސީޒަން އެކެއް އަދި ދޭއްގައި ވެސް ފަނޑިޔާރުކަން ކުރި މަރިޔަމް އުނޫޝާ (ކިޑީ) އާއި ސީޒަން އެކެއްގެ ޖަޖް އަހުމަދު އިބްރާހިމް (އައްމަޑޭ) އާއި ސީޒަން ދޭކުން ބެލުންތެރިންގެ ލޯބި ހޯދި އިސްމާއިލް އައްފާން އަދި މުޅިން އަލަށް މި ޕެނަލް އާ ގުޅުނު ޒާރާ މުޖުތަބާއެވެ.

މޯލްޑިވިއަން އައިޑަލްގެ ޕްލެޓްފޯމުން ފެންނަ ފަންނާނުން ތަމްރީނުކުރުމުގެ ކަންތަކާ މިފަހަރު ހަވާލުވީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އެވެ.

މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ޓައިޓްލް ވިނާއަކީ ލައިޝާ ޖުނައިދެވެ. ދެވަނަ ސީޒަންގައި އައިޑަލްގެ ޓައިޓްލް ގެންދިޔައީ މުހައްމަދު ތަސްނީމް (ބޮބް) އެވެ.

މޯލްޑިވިއަން އައިޑަލްގެ މިފަހަރުގެ ޓައިޓަލް ސްޕޮންސާ އަކީވެސް ކުރީ ދެ ސީޒަނެކޭ އެއްގޮތަށް ދިރާގެވެ.