ގަދަ ބާރުން ރިސޯޓުތަކަށް އަރައި ގާނޫނާ ހިލާފަށް އެއްވެސް މުދަލެއް ގެންދަން އެއްބާރުލުން ނުދޭނެ ކަމަށް ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ކޮމްޕެނީން ބުނެފި އެވެ.

ވިލާ ގުރޫޕުގެ ފަސް ރިސޯޓަކަށް ކަސްޓަމްސް އާއި ފުލުހުން އަރައި ވަނީ ބަލާ ފާސްކޮށްފައެވެ. ބަލާ ފާސްކޮށްފައި ވަނީ ގަވައިދާ ހިލާފަށް ރަލާ އޫރުމަސް އެ ރިސޯޓުތަކަށް ގެންގޮސްފައިވާ ކަމުގެ ތުހުމަތުގައެވެ.

ވިލާ ޝިޕިންގްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ޕެރަޑައިސް އައިލެންޑް ރިސޯޓާއި، ސަން އައިލެންޑާއި، ފަން އައިލެންޑް އަދި ހޮލިޑޭ އައިލެންޑް ރިސޯޓުގައި ހުރި ބަނގުރަލާ އޫރު މަސް ގެންދަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

" މިކުންފުނީގެ މުދާ ހިފެހެއްޓުމުގެ ކޯޓު އަމުރެއްނެތި، މިކުންފުނިން ހިންގާ އެއްވެސް ރިޒޯޓަކަށް ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން އަރައި، މިކުންފުނީގެ މުދާ ގަދަ ބާރުން ގެންދިއުމަށް ކުރާ އެއްވެސް މަސައްކަތަކަށް މިކުންފުނީގެ ފަރާތުން އެއްބާރުލުން ނުދޭނެކަމުގައި ދަންނަވަން." ވިލާ ޝިޕިންގްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ހަމަ އެކަނި އެތަންތަން ބަލާ ފާސްކުރުމަށެވެ. ނަމަވެސް އެއްވެސް އެއްޗެއް ގެންދާކަށް ކޯޓު އަމުރުގައި ބުނެފައެއް ނުވެއެވެ.

ވިލާ ޝިޕިންގްއިން ބުނީ ކޯޓުއަމުރުގައި އެހެން ބުނެފައި ނުވަނީސް ކޯޓު އަމުރުގެ ނާޖާއީޒް ބޭނުންކޮށް ގަވާއިދާ އެއްގޮތަށް ހުއްދަ ނަގައިގެން ހިންގަމުން ގެންދާ ރިސޯޓުތަކުގެ މަސައްކަތަށް ހުރަސް ނޭޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.