ތިން މިލިއަން ފަސް ސަތޭކަ ހާސް ޕައުންޑަށް ޓޮޓެންހަމް ހޮޓްސްޕާގެ އަޔަލެންޑް ފޯވާޑް ރޮބީ ކީން ދެ އަހަރު ދުވަހުގެ މުއްދަތަކަށް އެމެރިކާގެ އެލްއޭ ގެލެކްސީއާ ގުޅިއްޖެ އެވެ.

ކީން ގެލެކްސީއާ ގުޅުނުކަން ދެ ކްލަބުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

"ފޯވާޑް ރޮބީ ކީން ދާއިމީގޮތެއްގައި މޭޖާ ލީގް ސޮކާގެ އެލްއޭ ގެލެކްސީއާ ގުޅިފައިވާކަން ކްލަބުން އިޢުލާންކުރަން. އަހަރެމެން ކީންއަށް ފާގަތި މުސްތަގްބަލަކަށް އެދެން." ޓޮޓެންހަމް ވެބްސައިޓްގައިވާ ބަޔާނެއްގައިވެ އެވެ.

ކީން ގެލެކްސީ އަށް ކުޅެން އެއްބަސްވެފައިވީ ނަމަވެސް އެމެރިކާ ލީގުގައިވާ ގަވާއިދުގައިވާ ގޮތުން އެމެރިކާގެ ޓީމެއްގައި ހިމެނެން ޖެހޭނީ ތިން އަގުބޮޑު ކުޅުންތެރިންނެވެ. އެހެންކަމުން ކީން ލިސްޓަށް އިތުރުކުރަން ބޭނުންނަމަ ގެލެކްސީގައި މިހާރު ތިނި އަގުބޮޑު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޑޭވިޑް ބެކަމް، ލެންޑަން ޑޮނޮވަން އަދި ޖުއާ ޕަބްލޯ އޭންޖަލްގެ ތެރެއިން އެއްކުޅުންތެރިއެއް ދޫކޮށްލަންޖެހޭނެ އެވެ. ކުރީގެ އެސްޓަން ވިލާ ތަރި އޭންޖަލް ގެލެކްސީ ދޫކޮށް ފިލަޑެލްފިއާ ޔޫނިއަންއާއި ގުޅޭނެކަމަށް ރިޕޯޓްތައް ބުނެ އެވެ.

ގެލެކްސީގެ ތަރި ޑޭވިޑް ބެކަމްއާއި ދެކެވުނު ވާހަކަތަކެއް ކީން އެޓީމާ ގުޅުނު ސަބަބުތަކުގެތެރޭގައި ހިމެނޭކަމަށް އޭނާ ބުނެ އެވެ.

"ގެލެކްސީއާ ގުޅެވުނީތީ ފަހުރުވެރިވެ އަދި އުފާކުރަން. އަހަރެން އެމެރިކާ ލީގަށް ކުޅެން ކުރިން ވެސް ބޭނުންވި. މިއީ އަހަރެންނަށް ހިވަފެނެއް ހަގީގަކަށްވުން ކަހަލަކަމެއް. ޑޭވިޑް ބެކަމް ޓޮޓެންހަމްއަށް ޓްރެއިނިންގަށް ޖެނުއަރީ މަހު އައިއިރު ގެލެކްސީގެ ސަޕޯޓަރުންނާއި އެމެރިކާ ލީގުގެ ވާހަކަ ދެއްކި. އެހިސާބުން އަހަރެން އެކްލަބާއި ގުޅެން ހުރީ ކެތްމަދުވެފައި." ކީން ބުންޏެވެ.

އެމެރިކާ ލީގުގެ ވެސްޓާން ކޮންފަރެންސް ފަޅީގެ އެއްވަނާގައިވާ އެލްއޭ ގެލެކްސީގެ ކޯޗް އެރީނާވެސްވަނީ ކީންއަށް ތަޢުރީފްކޮށް ޓީމާއި ގުޅީމަ އުފާކުރާކަމަށް ބުނެފަ އެވެ.

"ރޮބީ ކީންއަކީ ކްލަބަށް އިތުރުވީ ވަރަށް ރަނގަޅު ކުޅުންތެރިއެއް. އަހަރެން އޭނާގެ ކެރިޔަރަށް ވަރަށް ބެލިން. އޭނާއަކީ ގޯލާއި ރައްޓެހި އަދި ބުރަ މަސައްކަތްކުރާ ކުޅުންތެރިއެއް. އިދިކޮޅު ޓީމުތަކުގެ ޕެނަލްޓީ އޭރިޔާތެރޭ އުނިވާތަން ކީން ފޫބައްދައިދޭނެކަމަށް އުންމީދުކުރަން." ގެލެކްސީ ކޯޗް އެރީނާ ބުންޏެވެ.