ވޮޝިންޓަން(ޖަނަވަރީ 20): އެމެރިކާއާއި ރަޝިޔާ ގުޅިގެން އުފައްދާފައިވާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންއަށް އެމެރިކާއިން ފޮނުވުމަށް ކަނޑައަޅާފައިވާ އެސްޓްރޮނޮޓުންގެ ލިސްޓުގެ ކުރީގައިވާ އެމެރިކާގެ ކަޅުނަސްލުގެ އަންހެން އެސްޓްރޮނޮޓް ޖެނިޓް އޭޕްސް އެންމެ ފަހުވަގުތު އެ ސްޓޭޝަނަށް ނުފޮނުވާ ގޮތަށް "ނާސާ" އިން ނިންމައިފިއެވެ.

ނާސާއިން ބުނީ ޖެނިޓް އޭޕްސް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ފޮނުވަން ނިންމާފައިވީނަމަވެސް އޭނާގެ ބަދަލުގައި އެ ސްޓޭޝަނަށް ފޮނުވަން އެންމެފަހުން ނިންމީ ސެރީނާ އޮނޮން ކަމަށެވެ. ސެރީނާއަކީ ދޮން ނަސްލުގެ އަންހެން އެސްޓްރޮނޮޓް އެކެވެ. މިގޮތަށް ނިންމަންޖެހުނު ސަބަބެއް ނާސާއިން ހާމައެއް ނުކުރެއެވެ.

މިބަދަލާގުޅިގެން ޖެނިޓް މާޔޫސްވެފައިވާއިރު އޭނާގެ އިލްމީ ހަޔާތުގެ ކުރިމަގަށް މިކަމުގެ ނޭދެވޭ އަސަރުކޮށްފާނެކަމަށާ މިއީ އެމެރިކާގައި އޮންނަ ނަސްލީ އިމްތިޔާޒްގެ އުސޫލުތަކުގެ ތެރެއިން ހިނގައިދިޔަ ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ނުފޮނުވަން ނާސާއިން ނިންމި ޖެނިޓް އޭޕްސް އަކީ އެމެރިކާގެ ޖާސޫސީ އިދާރާގައި ކުރީގައި މަސައްކަތްކޮށްފައިވާ އަންހެން ޖާސޫސެކެވެ. މީގެއިތުރުން އޭނާއަކީ އޭވިއޭޝަން އިންޖިނިއަރިންގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކޮށްފައިވާ އަންހެން ޕައިލެޓެއްވެސް މެއެވެ. އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ދިޔުމުގެ ފުރްސަތު ގެއްލުމާއެކު ނާސާއިން ނިންމާފައިވަނީ ޖެނިޓް އަނބުރައި ނާސާގެ ދަށުން ހިނގާ ފަޒާއާބެހޭ މަރުކަޒެއްކަމަށްވާ ޖޯންސަން ސްޕޭސް ސެންޓަރަށް ފޮނުވާލުމަށެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ފޮނުވުމުން ޖެނިޓް މަހްރޫމްކުރި މައްސަލާގައި ނާސާއިން ބުނީ އެ ސްޓޭޝަނަށް ފޮނުވުމުގައި ފަންނީ ގޮތުންނާއި އިލްމީ ގޮތުން، ކަމަށް ގާބިލްވުމުގެ އިތުރުންވެސް ވަރަށް ގިނަ ކަންކަމަށް ބަލާކަމަށާ މިކަންކަމާބެހޭ މައުލޫމާތު ހާމަކުރުމަކީ ނާސާއިން ކުރާކަމެއްނޫން ކަމުގައެވެ.

މިމައްސަލާގައި މާޔޫސްވެފައިވާ ޖެނިޓް އަލުން އަނބުރައި ޖޯންސަން ސްޕޭސް ސެންޓަރަށް ފޮނުވާލުމުން އޭނާ އެމަރުކަޒުގައި އަދާކުރާ ގޮތަށް ހަމަޖެހިފައިވަނީ އިދާރީ ވަޒީފާއެއްކަމަށް އެސެންޓަރުން ބުނެއެވެ. ޖެނިޓް އަކީ އެންމެ ކުޑައިރުން ފެށިގެންވެސް ފަޒާއަށް ދިޔުމަށް ޝައުގުވެރިކަން ހުރެގެން އެދާއިރާއިން ވަރަށް ބުރަ މަސައްކަތް ކޮށްގެން ތައުލީމް ޙާސިލް ކުރި ކަޅުނަސްލުގެ އަންހެނެކެވެ. ފަޒާގައި ހިނގާލުމަކީ އޭނާގެ ޒަމާންވީ ހުވަފެނެއް ކަމަށް ވެއެވެ. ޖެނިޓް އަކީ އެމެރިކާގެ ކަޅުނަސްލުގެ ފުރަތަމަ އަންހެން އެސްޓްރޮނޮޓް އެެވެ.

އެމެރިކާއަކީ ކަޅު ނަސްލުގެ މީހުންނާއި ދޮން ނޫން، އޭޝިޔާ އަދި ލެޓިން ދަރިކޮޅުތަކުގެ މީހުންނާމެދުވެސް ނަސްލީ ތަފާތުކުރުންތައް ގެންގުޅޭކަމަށް މަޝްހޫރު ގައުމެވެ. ކުޅިވަރުގެ ދާއިރާތަކާއި ފިލްމީ ދާއިރާތައް ފަދަ ދާއިރާތަކުގައި ކަޅުނަސްލުގެ މީހުންނަށް ފުރްސަތު ދިންކަމަށްވިޔަސް އިލްމާއި މަތީފެންވަރުގެ ސައެންސާއި އުފެއްދުންތެރިކަމުގެ ދާއިރާތަކުން ވަރަށް މަދުން ނޫނީ އެމެރިކާގައި ކަޅުނަސްލުގެ މީހުން ނުފެނެއެވެ.

މިހެން ދިމާވަނީ އެތެރޭން ކުރިމަތިވާ ފިއްތުންތަކުގެ ސަބަބުން އެދާއިރާތަކާ ދުރަށްދާން ކަޅުނަސްލުގެ މީހުންނަށް މަޖްބޫރުވުމުގެ ސަބަބުންކަމަށް ވެއެވެ.

އެމެރިކާގެ ޝަރުއީ ދާއިރާއަކީވެސް ކަޅުނަސްލުގެ މީހުންނާ މެދު ތަފާތުކުރުންތައް ވަރަށް ބޮޑަށް ގެންގުޅޭ ދާއިރާއެއްގެ ގޮތުގައި މަޝްހޫރު ދާއިރާއެކެވެ. އެމެރިކާގެކޯޓުތަކުން ހުކުމްކުރާއިރުވެސް ކަޅުމީހުންނާއި ދޮންމީހުން ތަފާތުކުރާކަން އެމެރިކާގެ އާންމުންވެސް ވަރަށް ބޮޑަށް ފާހަގަކުރެއެވެ.

އެމެރިކާގެ ރައީސްކަމަށް ބަރަކް އޮބާމާ ވަޑައިގެންނެވި ނަމަވެސް ސިޔާސީ މަތީފެންވަރުގެ ދާއިރާތަކުގައި ނިސްބަތުން ކަޅުމީހުން ވަރަށް މަދެވެ. އަދި އެމެރިކާގެ މަތީފެންވަރުގެ ކުންފުނިތަކުގެ އިސްވެރިންގެ ތެރޭގައިވެސް ކަޅުމީހުން ވަރަށް މަދެވެ. (ނޫސްއެޖެންސީތައް)