20 Jan 2018, 09:21
މިދިޔަ އަހަރު ރިލީޒް ކުރި ޝާހްރުކް ޚާންގެ ކާމިޔާބު ފިލްމު 'ރައީސް'ގެ ދެވަނަ ބައެއްގެ މަސައްކަތް ފަށާނެ ކަމުގެ އިޝާރާތެއް ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ ދީފި އެވެ.
'ރައީސް' އަކީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން ކާމިޔާބުވި މަދު ފިލްމު ތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. އަދި ފިލްމުގައި ޝާހުގެ ފަރާތުން ފެނުނު އެކްޓިންގ އަށް ގިނަ ބައެއްގެ ތައުރީފު ވެސް ލިބިގެން ދިޔައެވެ.
އަދި އެ ފިލްމު ވެގެން ގޮސްފައި ވަނީ މިދިޔަ އަހަރު އެންމެ ގިނަ ބަޔަކު ވަގު ކޮޕީ ހަދައިގެން ބެލި ފިލްމަށެވެ. ސީކުއަލްގެ ވާހަކަ ރިތޭޝް ބުނެފައި ވަނީ ވެސް ފިލްމުގެ ޑައިރެކްޓަރު ރާހުލް ޑޯލަކިއާ އާއެކު އެކަމާ ގުޅިގެން ޓުވިޓާގައި ވާހަކަ ދައްކަމުންނެވެ.
ރިތޭޝް ބުނީ އެންމެ ގިނަ ބަޔަކު ގަވާއިދާ ޚިލާފަށް ކޮޕީ ކޮށްގެން ބެލި ފިލްމަކީ 'ރައީސް' ކަމުގައި ވާނަމަ، ފިލްމުގެ ދެވަނަ ބަޔަށް ވެސް ބޮޑު އޯޑިއެންސެއް ލިބޭނެ ކަމަށެވެ.
ރަސްމީކޮށް އެކަން ޔަގީންކޮށް ނުދިން ނަމަވެސް، ފިލްމުގެ ދެވަނަ ބައެއް ފެންނާނެކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
'ރައީސް'ގައި ޝާހު އާއެކު ފެނިގެން ދިޔައީ ޕާކިސްތާނުގެ ބަތަލާ މާހިރާ ޚާން އެވެ. ޕާކިސްތާން ފަންނާނުންނަށް ބޮލީވުޑްގައި މަސައްކަތް ކުރުން މަނާކޮށްފައި ވާތީ، ދެވަނަ ބައިގައި މާހިރާ ފެނިގެންދާނެ ކަމާ މެދު ޝައްކެވެ.
ޝާހްރުކް ޚާން މިހާރު ކުރަމުން އަންނަނީ އާނަންދު އެލް ރާއީގެ ފިލްމު 'ޒީރޯ' ގެ މަސައްކަތެވެ. އެ ފިލްމުގައި ޝާހު އާއެކު ފެނިގެންދާނީ އަނުޝްކާ ޝަރްމާ އަދި ކެޓްރީނާ ކައިފް އެވެ.