20 Jan 2018, 09:01
ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައި އޮތް، އަކްޝޭ ކުމާރުގެ ފިލްމު 'ޕެޑްމޭން'، އަންނަ ފެބުރުއަރީ މަހުގެ ނުވަ ވަނަ ދުވަހު ރިލީޒް ކުރުމަށް ނިންމައިފިއެވެ.
'ޕެޑްމޭން' ރިލީޒް ކުރުން ފަސްކޮށްފައި މިވަނީ، އެ ދުވަހު ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓުކޮށް، ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންގ މުހިންމު ރޯލުތަކުން ފެނިގެންދާ 'ޕަދްމާވަތު'އާ އެއް ދުވަހެއްގައި ރިލީޒް ނުކުރުމަށެވެ.
'ޕަދްމާވަތީ' ގެ ނަމުގައި ބަންސާލީ ފުރަތަމަ މަސައްކަތް ކުރީ މިދިޔަ ޑިސެމްބަރުގައި ފިލްމު ރިލީޒް ކުރުމަށެވެ. ނަމަވެސް ދިމާވި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ފިއްތުންތަކުގެ ސަބަބުން ފިލްމުގެ ނަން 'ޕަދްމާވަތު' އަށް ބަދަލުކޮށް ޖެނުއަރީ 25ގައި ރިލީޒް ކުރުމަށް ނިންމީއެވެ.
ގައުމީ ދުވަހުގެ ޗުއްޓީ އާ ދިމާކޮށް ފިލްމު ރިލީޒް ކުރަން ފުރަތަމަ ނިންމީ އަކްޝޭއެވެ. ނަމަވެސް ބަންސާލީއަށް 'ޕަދްމާވަތު' ރިލީޒް ކުރުމަށް ކުރިމަތިވި ދަތިތަކުގެ ސަބަބުން، އޭނާއަށް ފުރުސަތު ދިނުމަށްފަހު އަކްޝޭ ފަހަތަށް ޖެހުނީއެވެ.
އަކްޝޭ އޭނާގެ ފިލްމު ފަސްކުރީ ދެ ފިލްމަށް ވެސް ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ފަހިކުރުމަށެވެ. އަދި އަކްޝޭ ފިލްމު ފަސްކުރީ ބަންސާލީގެ އެދުމުގެ މަތިން ކަމަށް ޚަބަރުތައް ބުނެއެވެ.
ފިލްމު ރިލީޒް ކުރާ ތާރީޚު ފަސްކުރިކަން ޔަގީންކޮށްދެމުން އަކްޝޭ ކުރި ޓުވީޓުގައި ބުނެފައި ވަނީ ފިލްމު އިންޑަސްޓްރީ އަކީ އެއް އާއިލާ ކަމަށެވެ.
ދެން 'ޕެޑްމޭން' ރިލީޒް ކުރާނީ ސިދާރްތު މަލޯތުރާގެ ކުރިއަށް އޮތް ފިލްމު 'އައިޔާރީ' އާއެކުއެވެ.