20 Jan 2018, 09:12
ފީފާ ވޯލްޑް ކަޕް ތަށި ދިވެހިރާއްޖެއަށް ގެންނަން ފުރުސަތު ލިބުމުން އޭގެ ސަބަބުން ދިވެހި ފުޓުބޯޅައަށް ކުރިއެރުންތަކެއް އަންނާނެ ކަމަށް ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.
ނިޒާމްބެ މިހެން ބުނެފައިވަނީ ސަން ޓީވީން ކުރިއަށް ގެންދާ ކޮކާ ކޯލާ ފީފާ ވޯލްޑް ކަޕު ޓްރޮފީ ޓުއާގެ ކައުންޓްޑައުން ޝޯގައި ވާހަކަ ދައްކަމުންނެވެ.
ނިޒާމްބެ ބުނެފައިވަނީ ފީފާ ވޯލްޑް ކަޕު ޓްރޮފީއަކީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރާ ޓްރޮފީއެއް ކަމަށާއި، އެ ޓްރޮފީ ގެންނަން ފުރުސަތު ރާއްޖެ ފަދަ ގައުމަކަށް ލިބުމުން އެކަމުގެ ހެޔޮ އަސަރު ފުޓުބޯޅައަށް ކުރާނެ ކަމަށެވެ.
ނިޒާމްބެ އިތުރަށް ބުނީ އޭނާގެ އުންމީދަކީ ދިވެހި ގައުމީ ޓީމު ވޯލްޑް ކަޕު ތަށި ހޯދައިގެން ތަށި ރާއްޖޭގެ ފަސްގަނޑަށް ގެންނާނެ ދުވަހެއް ދުށުން ކަމަށެވެ.
"އުންމީދަކީ އަމިއްލަ ފަސްގަނޑަށް ތަށި ގެންނަ ދުވަހެއް ފެނުން. ތަންކޮޅެއް ފޮނި ވާހަކައޭވެސް ބައެއް މީހުން ބުނެފާނެ. އެކަމަކު މިއީ ނުވާނެ ކަމެއް ނޫން. ބަޔަކު ރަނގަޅު ޕްލޭނަކާއެކު އުޅެފިއްޔާ 10 ނުވަތަ 15 އަހަރު ތެރޭގައި އެވަރުގެ ޖީލެއް އުފެއްދިދާނެ،" ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ ޓީސީ ސްޕޯޓްސް ކްލަބުން ހޯދި ތަށްޓާއެކުވެސް ދިވެހިން ފުޓުބޯޅައަށް ކުރާ ލޯތްބާއި ފުޓުބޯޅައިގައި ތަށްޓެއް ހޯދުމަށް ކުރާ ތަސައްވަރު ފެނިގެންދިޔަ ކަމަށެވެ.
"މިދިޔަ އަހަރު ކްލަބެއް ތަށްޓެއް ހިފައިގެން އައިމަ އެ ލިބުނު ތަރުހީބުން ދިވެހިންގެ ތެރޭގައި ފުޓުބޯޅައަށް ހުރި ރޫހު ފެނުނީ. ހަމަ ފެންނަ ކޮންމެ ސަޕޯޓަރަކުވެސް ބުނާނެ ކޮން ދުވަހަކުންބާއޭ ދިވެހިންނަށް ދެން ތަށްޓެއް ލިބޭނީ. ދިވެހިން އެބަ ބޭނުންވޭ ތަށްޓެއް ގެންނަން،" ނިޒާމްބެ ބުންޏެވެ.
ސަން ޓީވީން ކުރިއަށް ގެންދާ ކޮކާ ކޯލާ ފީފާ ވޯލްޑް ކަޕު ޓްރޮފީ ޓުއާގެ ކައުންޓްޑައުން ޝޯގެ ތެރޭން-- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ނިޒާމްބެ ބުނީ ދިވެހިންގެ ތެރެއިން ފުޓުބޯޅައަކީ ނެތިގެންދާނެ އެއްޗެއް ނޫން ކަމަށާއި، ވަރަށް ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ވޯލްޑް ކަޕު ފޯރިއަކީ ގަދައެއްޗެއް ކަމަށެވެ. ދިވެހިންނަކީ ވޯލްޑް ކަޕަށް ވަރަށް ބޮޑަށް ތައްޔާރުވާ ބައެއް ކަމަށާއި، ގޭގޭގެ ތެރެއިންވެސް ވަރަށް ފޯރި ގަދަ ހަރަކާތްތައް ފެނިގެންދާކަމަށްވެސް ނިޒާންބެ ބުންޏެވެ.
" ވަރަށް ވަރުގަދަ ކެއްކުންތައް ހަދައިގެން ގޭގޭގެ ތެރޭގައިވެސް ފޯރިއާއެކު މެޗުތައް ބަލާނެ. އަޅުގަނޑު ދަންނަވާނީ ދިވެހި ޓީމު ވޯލްޑް ކަޕުގައި ނުކުޅުނަސް ދިވެހިން ވޯލްޑް ކަޕުގައި ކުޅޭ،" ނިޒާމްބެ ބުންޏެވެ.
ނިޒާމްބެ ބުނީ ފުޓްބޯޅައަކީ ދިވެހިން އެއް ކުލައެއްގެ ދަށަށް ގެނުވާ ކުޅިވަރެއް ކަމަށާއި، ފީފާ ވޯލްޑް ކަޕުގެ ތަށްޓާއެކުވެސް ދިވެހިން ގައުމު ވަރަށް ބޮޑަށް އެއްބައި ކުރުވާނެ ކަމަށެވެ. ޓުއާގައި ތަށި ރާއްޖެ ގެނައުމަކީ ރާއްޖެ އަންނަ ފަތުރުވެރިން ވަރަށް ބޮޑަށް އިތުރު ވެގެންދާނެ ކަމެއް ކަމަށްވެސް ޓީސީގެ ކޯޗު ނިޒާމްބެ ބުންޏެވެ.
މިއަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕު ޓްރޮފީ ޓުއާ ދަތުރުކުރާ 50 މަންޒިލުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާއިރު، ރާއްޖެއަށް ތަށި ގެންނާނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. ތަށްޓާއެކު ކޮކާކޯލާއިން ރާއްޖޭގައި ބާއްވާ ޕަބްލިކް އިވެންޓްގައި ތަށްޓާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ހުޅުވާލާނެއެވެ.