20 Jan 2018, 09:28
ލަންކާގައި ޝޫޓް ކުރެވުނު ފިލްމު ތަކުގެ ތެރެއިން ފިލްމު "ތިޔަ ލޯތްބާ ދުރަށް"، އަކީ އޭނާއަށް އެންމެެ ފަސޭހަކޮށް، ޝޫޓިން ކަންތައް ނިންމާލެވުނު ފިލްމު ކަމަށް ފިލްމުގެ ބަތަލު އަހްމަދު އަޒްމީލު (އަޒޭ) ބުނެފިއެވެ.
ލަންކާގައި މިހާތަނަށް އޭނާގެ ތިން ފިލްމެއްގެ މަސައްކަތް ކޮށްފައިވާއިރު "ތިޔަ ލޯތްބާ ދުރަށް"، އެ ފިލްމަކީ ހުރިހާ ގޮތަކުން ބެލިކަމުގައި ވީނަމަވެސް އެންމެ ސަޅި އެކްސްޕީރިއަންސް ވެސް ކުރެވުނު ފިލްމު ކަމަށް އޭނާ ބުންޏެވެ.
ސަން އާ ވާހަކަ ދައްކަމުން އަޒޭ ބުނީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ޑައިރެކްޓް ކުރާ ފުރަތަމަ ފީޗާ ފިލްމަށް އެ ފިލްމު ވީނަމަވެސް މަރީ އާ އެއްކޮށް މަސައްކަތްކޮށްލަން ވަރަށް ފަސޭހަކަމަށެވެ.
"މަރީގެ ފުރަތަމަ ޑައިރެކްޝަން މިއީ. ނަމަވެސް އެއްވެސް ކަހަލަ ދަތިކަމެއް ކުރިމައްޗެއް ނުވޭ. މަރީ އަބަދުވެސް ޝޫޓިންގް ތަކަށް ދާނީ ވަރަށް ތައްޔާރުވެގެން. ގޮޅާ އައްޔަވެސް ވަރަށް އެހީތެރިވެ ދިން މަރީއަށް. އެހެންވެ މަރީއަށްވެސް މަސައްކަތް އެހާ ފަސޭހަވީ،" އޭނާ ބުންޏެވެ.

"ތިޔަ ލޯތްބާ ދުރަށް" ފިލްމްގެ ޕޯސްޓަރެއް--- ފޮޓޯ/ އެފްބީ
އަޒޭ ބުނީ ފިލްމުގެ ޝޫޓިން 20 ދުވަސްތެރޭގައި އެއްކޮށް ނިންމާލެވުނު ކަމަށެވެ. އެ ފިލްމަކީ އަޒޭއަށް ލަންކާގައި ޝޫޓް ކުރެވުނު އެންމެ ފަސޭހަ އަދި އެންމެ ހިތްހަމަޖެހިގެން މަސައްކަތް ކޮށްލެވުނު ފިލްމު ކަމަށް އޭނާ ބުންޏެވެ.
"މަރީގެ އެއްބާރުލުން ވަރަށް ލިބުނު. އޭނާ އަސްލު ވަރަށް ސަޅި ހުރިހާ ކަމެއްވެސް މެނޭޖް ކުރާލެއް. ހުއްދަ ހޯދަން ޖެހޭ ތަނެއްގައި ޝޫޓް ކުރަންޏާ މާ ކުރިން މަރީ ހުންނާނީ އެ ތަނަކުން ހުއްދަ ހޯދައިގެން ޝޫޓް ކުރަން ހަމަ ރެޑީގައި. އެހެންވެ ކަންނޭގެ އަޒޭއަށް ފިލްމުގެ މަސައްކަތް އެހާ ފަސޭހަކޮށް ނިންމާލެވުނީ،" އަޒޭ ބުންޏެވެ.
އަޒޭ ބުނީ ފިލްމުގައި ހަރަކާތްތެރިވާ ހުރިހާ ތަރިންނާ އެކީވެސް މަސައްކަތްކޮށްލަން ވަރަށް ފަސޭހަ ކަމަށާއި ހުރިހާ ތަރިންވެސް ވަރަށް ސަޕޯޓިވް ކަމަށެވެ. ފިލްމަކީ ބެލުންތެރިންނަށް ކަމުދާނެހެން ތައްޔާރުކޮށްފައިވާ ފިލްމެއް ކަމަށާއި ފިލްމާ މެދު ކުރެވޭ އުންމީދު ތައް ވަރަށް ބޮޑު ކަމަށް އޭނާ ބުންޏެވެ.

"ތިޔަ ލޯތްބާ ދުރަށް" ފިލްމްގެ ޕޯސްޓަރެއް--- ފޮޓޯ/ ގޮޅާ އައްޔަ
އޭޕްރީލް 21 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ އަހުމަދު އަޒްމީލް (އަޒޭ) އާއި މަަލިހާ ވަހީދު (މަލް) އެވެ. މީގެ އިތުރުން 2000 ގެ އަހަރުތަކުގެ ތެރޭގައި ވީޑިއޯ ލަވަތަކުން ވިދާލި މަރިޔަމް ޝަހުޒާ (ޝަހޫ) ގެ އިތުރުން ޝަހޫގެ ފިރިމީހާ އަހުމަދު އަމަން (ޓޮމް) އާއި ސްރީލަންކާގެ ތަރިއެއް ވެސް މި ފިލްމުން ފެނިގެންދާނެއެވެ.
ފިލްމު "ތިޔަ ލޯތްބާ ދުރަށް" ގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ އަވައްޓެރި ސްރީލަންކާގައެވެ. ފިލްމުގެ ކެމަރާމަންއަކީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.
ފިލްމުގެ ޓިކެޓް ބުކް ކުރަން އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވާލުމަށް ހަމަޖެހިފައިވާ އިރު އެ ފިލްމަކީ ތިނެސްކަން ލޯބީގެ މައްޗަށް އުފައްދާ ރީތި ފިލްމެކެވެ.
"ތިޔަ ލޯތްބާ ދުރަށް" އެ ފިލްމު އެންމެ ހާއްސަވެގެންދާ އެއް ކަމަކީ ގާތްގަނޑަކަށް މީގެ 16 ވަރަކަށް އަހަރު ކުރިން އެސްފިޔަ އަލްބަމް އަށް އަލީ ރަމީޒު ކިޔާފައިވާ "ދީވާނާ" އަދި ފަޒީލާ އާމިރާ އެކު ކިޔާފައިވާ "އާވާ ހަނދާނޭ" މި ދެލަވަ ފިލްމުގައި ހިމަނާފައިވުމުންނެވެ.
ތިނެސްކަން ލޯބީގެ މި ފިލްމުގެ އިންތިޒާރުގައި މަރީގެ ވާހަކަތަކަށް ލޯބިކުރާ މީހުން ތިބޭނެ ކަން ޔަގީނެވެ.