ގްރޫޕަކުން ރ. ދުވާފަރުގައި އަންހެނަކު ރޭޕްކޮށްލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ވަނީ އެކަށް "ސަން" އަށް ކަށަވަރުކޮށްދީފައެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތު ދުވަހުގެރެއެވެ. އަދި ފުލުހުންނަށް އެެ މައްސަލަ ހުށަހެޅީ އެރޭ ފަތިހުގެ ވަގުތެއްގައެވެ. ރޭޕްކޮށްލާފައި ވަނީ 25 އަހަރުގެ އަންހެނެކެވެ.

ދުވާފަރުގައި ހިނގި ރޭޕް ގެ މައްސަލާގައި ފުލުހުން ހައްޔަރު ކުރި ފަސް މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކުވެސް ހިމެނޭ ކަމުގެ މައުލޫމާތު "ސަން"އަށް ވަނީ ލިބިފައެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަކަލައެއް ހުށަހަޅާފައިިވާތީ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފައިވާކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެ ރަށުން މައުލޫމާތު ދިން މީހާ ބުނީ ޒުވާން އަންހެނަކު ރޭޕް ކޮށްގެން ހައްޔަރުކުރި ފަސް މީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 18 އަހަރުން ދަށުގެ ކުއްޖާ ފިޔަވައި ދެން ތިބި މީހުންނަށް 10 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ. 18 އަހަރުން ދަށުގެ ކުއްޖާ ބަންދުގައި ބަހައްޓަން އަމުރު ކުރީ ހަތް ދުވަހަށް ކަން "ސަން" އަށް ވަނީ އެނގިފައެވެ.

ދުވާފަރުގައި އަންހެނަކު ރޭޕްކޮށްފައިވާއިރު މި މަހުގެ ކުރީކޮޅު ވަނީ މާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި ކުޑަކުއްޖަކު ރޭޕް ކުރުމަށްފަހު ބްލެއިކް މެއިލް ކުރި މައްސަލައެއް ލ. ކަލައިދޫގައި ފެންމަތިވިއެވެ. އެ ދެ މައްސަލައާ ގުޅިގެން ވެސް ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ.