16 Aug 2011, 11:05
ގދ. ތިނަދޫ ގައި ފިހާރައަކުން ވިޔަފާރިކުރަމުން ދިޔަވަގުތު އެ ފިހާރައަށް ގުރޫޕަކުން ވަދެ ވައްކަން ކޮށްފި އެވެ.
ތިނަދޫން ވާހަކަ ދެއްކި މީހަކު ބުނީ އިއްޔެ ރޭ ވައްކަން ކޮށްފައި ވަނީ އެ ރަށުގައި އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ އަލިހަވާގެ ފިހާރައެއް ކަމަށްވާ އަލިހަވާ މާޓުން ކަމަށެވެ.
އާންމު ގޮތެއްގައި ތިނަދޫގެ ފިހާރަތަކުން ވައްކަން ކޮށްފައި ވަނީ މެންދަމުގެ ވަގުތުތަކުގައި ނަމަވެސް އަލިހަވާ މާޓަށް ހަތަރު މީހަކު ވަދެ އިއްޔެރޭ ވައްކަން ކޮށްފައި ވަނީ ފިހާރައިގެ ވިޔަފާރި ކުރަމުން ދަނިކޮށެވެ.
ތިނަދޫން ވާހަކަ ދެއްކި މީހާ ބުނީ އެތަނަކީ ސިއްރު ކެމެރާ ހަރުކޮށްފައި ހުންނަ ތަނެއް ކަމުން އެމީހުން ވައްކަން ކުރިތަން ރަނގަޅަށް ސާފުކޮށް ފެނިފައިވާ ކަމަށާއި އެ ފިހާރައިގެ ހަރުގަނޑުން ޗޮކްލެޓްތަކެއް ވަގަށް ނެގި ހަތަރު މީހުން ވާނީ ހެއްކާ އެކު ފުލުހުންނާ ހަވާލުކޮށްފައި ކަމަށެވެ.
ފުލުހުން ބުނީ އެ މައްސަލަ އާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި 18 އަހަރު ނުފުރޭ ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.
ނަމަވެސް އެމީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ފަހަކަށް އައިސް ތިނަދޫގައި ވައްކަން ކުރުން އިތުރުވެގެން އުޅެނީ ވަގުންނަށް މިނިވަންކަމާ އެކު ރަށު ތެރޭގައި އުޅުމުގެ ފުރުސަތު ބޮޑުވެފައި ވާތީ ކަމަށް ތިނަދޫ ބައެއް މީހުން ބުނެ އެވެ.