ފީފާ ވޯލްޑް ކަޕުގެ ތަށި ތިން ފަހަރަށް އުފުލާލައިފައިވާ ހަމައެކަނި ކުޅުންތެރިޔާ، ބްރެޒިލްގެ ލެޖެންޑް ޕެލޭ ހޮސްޕިޓަލްގައި އެޑްމިޓް ކުރިކަމަށް ދެކެވެނީ ދޮގު ވާހަކަތަކެއް ކަމަށް އޭނާގެ ތަރުޖަމާން ޖޯސް ފޯނޯސް ރޮޑްރިގޭޒް ބުނެފިއެވެ.

ޕެލޭ ހޮސްޕިޓަލްގައި އެޑްމިޓްކުރިކަމުގެ ވާހަކަތައް ފެތުރިފައިވަނީ ޕެލޭގެ ޝަރަފުގައި އިނގިރޭސިވިލާތުގެ ރައިޓާސް އެސޯސިއޭޝަނުން ބޭއްވި ކެއުމެއް އޭނާގެ ހާލު ހުރިގޮތުން ކަމަށް ބުނެ ކެންސަލް ކުރުމުންނެވެ.

އުމުރުން 77 އަހަރުގެ ޕެލޭގެ ތަރުޖަމާން ބުނެފައިވަނީ އޭނާ ހޮސްޕިޓަލް ގެންދިއުމުގެ ހަބަރަކީ ދޮގު ހަބަރެއް ކަމަށެވެ. އޭނާ ބުނީ ޕެލޭ ލަންޑަނަށް ނުދިޔައީ ހަށިގަނޑަށް ބުރަ ބޮޑުވާ ވަރުގެ ދިގު ދަތުރެއް ކުރަން ބޭނުންނުވާތީ ކަމަށެވެ.

"އެހެން ނޫނަސް އޭނާގެ ޑޮކްޓަރުން އަބަދުވެސް ގެއަށް އައިސް ޕެލޭގެ ހާލު މޮނިޓަރ ކުރޭ،" ތަރުޖަމާނު ބުންޏެވެ.

ޕެލޭގެ ކިޑްނީ އަދި ކުޑަ ކަމުދާ ނިޒާމުގެ މައްސަލަތަކެއް އުޅޭތީ މިދިޔަ އަހަރުގެ މެދުތެރޭގައި އޭނާވަނީ ދެ ފަހަރެއްގެ މަތިން ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ޕެލޭއަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއެވެ. 21 އަހަރުގެ ދިގު ފުޓުބޯޅަ ކެރިއަރުގައި ޕެލޭވަނީ 1281 ގޯލް ޖަހައިފައެވެ. މީގެ ތެރެއިން 77 ގޯލް އޭނާ ޖަހައިދީފައިވަނީ ބްރެޒިލަށް ކުޅުނު 91 މެޗުގައެވެ.