ވޮޝިންގްޓަން (19 ޖެނުއަރީ): ސައުދީ އަރަބިއްޔާ ވައްޓާލުމަށްފަހު ދެވަނައަށް އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމަކަަށް އެމެރިކާ ވެގެންދާނެ ކަމަށް އިންޓަނޭޝަނަލް އެނާޖީ އޭޖެންސީ (އައިއީއޭ) އިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

މިހާރު އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމަކީ ރަޝިއާއެވެ.

އައިއީއޭއިން ބުނީ އެމެރިކާއިން ފާއިތުވި 50 އަހަރުގެ ތެރޭގައި ތެޔޮ އުފައްދާ މިންވަރު ވަރަށް ބޮޑަށް އިތުރުކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރު އެމެރިކާއިން ވަނީ ކޮންމެ ދުވަހަކު 9.9 މިލިއަން ފީފާގެ ތެޔޮ އުފައްދައިފައެވެ.

"މިއަހަރު އެމެރިކާއިން ރެކޯޑް އަދަދަކަށް ތެޔޮ އުފައްދާނެ. އޯޕެކުން ތެޔޮ އުފައްދާނެ ވަކި މިންވަރެއް ކަނޑަނާޅާނަމަ އެމެރިކާއިން ދިހަ މިލިއަަން ފީފާއަށް ވުރެ ގިނައިން މިއަހަރު ތެޔޮ އުފައްދާނެ،" އައިއީއީގެ ކޮންމެ މަހަކު ނެރޭ މާކެޓް ރިޕޯޓުގައި ބުންޏެވެ.

ދެހާސް ސޯޅަވަނަ އަހަރުގެ ކުރީކޮޅު ތެލުގެ އަގު މިއިން ޒަމާނަކު ވެސް ނުވެއްޓޭ ވަރަށް ވަނީ ވެއްޓިފައެވެ. ގިނަ މާހިރުން ބުނާގޮތުގައި ތެލުގެ އަގު ވެއްޓުނީ އެމެރިކާއިން ޝޭލް ކިޔާ ތެލެއް މާގިނައިން އުފައްދަން ފެށުމުންނެވެ.

ތެލުގެ އަގު ވެއްޓުމުން އޯޕެކުން ވަނީ އޯޕެކުގައި ނުހިމެނޭ ގައުމުތަކުން ވެސް ތެޔޮ އުފެއްދުން މަދުކުރުމަށް އެއްބަސްވެފައެވެ.

ދެހާސް ސާދަ ވަނަ އަހަރަށްފަހު ފުރަތަަމަ ފަހަރަށް މިއަހަރު ވަނީ ތެލުގެ އަގު 70 ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ. ތެެލުގެ އަގު އުފުލެން ފެށުމާއެކު އެމެރިކާއިން ވަނީ ތެޔޮ އުފެއްދުން އަނެއްކާ ވެސް އިތުރުކޮށްފައެވެ.

މަސްދަރު : ޕްރެސްޓީވީ