އޮޓާވާ( 19 ޖެނުއަރީ): މަގުމަތީގައި ހިނގައިފައި ދަނިކޮށް ކެނެޑާގެ 11 އަހަރުގެ ކުއްޖެއް ކަމަށްވާ ހައުލާ ނޫމާންގެ ހިޖާބު ކޮށާލިކަމަށް ބުނި ވާހަކައަކީ ދޮގެއް ކަމަށް ފަޅާއެރުމުން، އޭނާގެ އާއިލާއިން އެކަމާމެދު މާފަށް އެދިއްޖެއެވެ.

އެ މައްސަލައިގައި ހައުލާގެ އާއިލާއިން ބުނީ އެމީހުން ފުރަތަމަ ހީކުރީ އެއީ ހަގީގަތެއް ކަމަށެވެ. އަދި ހައުލާ އެކަންތައް އޮޅުވާލުމުގެ ސަބަބުން އެތަކެއް ބަޔަކަށް އޭގެ އުނދަގޫ ތަހައްމަލްކުރަން ޖެހުމުން އެކަމަށް މާފަށް އެދޭ ކަމަށް އެ އާއިލާއިން ބުންޏެވެ.

ހައުލާ ހެދީ ދޮގުކަން ހާމަވަމުން މީސް މީޑިއާގައި ވަރަށް ގިނަ ބަޔަކު ވަނީ އެކަން ވަރަށް ބޮޑަށް ކުއްވެރިކޮށްފައެވެ.

ކެނެޑާގެ ފުލުހުން ވަނީ އެެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެއީ ހިނގި ކަމެއް ނޫން ކަމަށް ބުނެފައެވެ.

ހައުލާގެ އާއިލާއިން ވަނީ އެ މައްސަލައިގައި އޭނާ ކިޔަވަމުން ދިޔަ ޕޮލައިން ޖޯންސަން ޖޫނިއާ ޕަބްލިކް ސްކޫލުން އަމަލުކުރި ގޮތަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ހައުލާ ފުރަތަމަ ބުނީ އޭނާގެ ކޮއްކޮ އާއެކު ހިނގާފައި ސްކޫލަށް ދަނިކޮށް މަގުމަތިން އައި މީހަކު ހައުލާގެ ފަހަތުން ގޮސް އޭނާގެ ބުރުގާ ކޮށައިލީ ކަމަށެވެ.

ހައުލާ ބުނީ ބުރުގާ ކޮށައިލުމުން ހަޅޭއްލަވަން ފެށި ކަމަށާއި އެވަގުތު އެމީހާ ފިލީ ކަމަށެވެ. ނަމަވެސް އަނެއްކާވެސް އެ މީހާ މަގުމަތިން ދިމާކުރި ކަމަށް ވެސް ހައުލާ ކުރިން ބުންޏެވެ.

މަސްދަރު : ސީބީސީ ކެެނެޑާ