އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނުނީ އުމުރުން 37 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އައްޑޫ ސިޓީ ހިތަދޫއިން ގެއްލިގެން ހޯދަމުންދާ ފުލުހެއް ކަމަށްވާ މުހައްމަދު ސުމައިދުގެ ބޮޑުބޭބެ އަބްދުﷲ މުސްދިގުއެވެ.

މުސްދިގު މަރުވެފައި އޮއްވައި ފެނުނީ އޭނާ ނިދާ ކޮޓަރިތެރޭންކަން އެނގިފައިވެއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ މިއަދު އިރުއޮއްސި ހައެއް ޖަހާކަށްހާއިރު މަރުވެފައި އޮތް މީހަކު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

"ގެނައި އިރުވެސް މަރުވެފައި އޮތީ. ކުޑަކޮށް އަނގަޔާއި ނޭފަތުން ލޭ އައިސްފަ ހުރީ. އަނެއްހެން ބޭރު ފުށުން އަނިޔާއެއް ފެންނާކަށް ނެތް،" ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުންޏެވެ.

ޑޮކްޓަރުންނާ ހަވާލާދީ އެ ހޮސްޕިޓަލުން ބުނީ އޭނާ މަރުވެފައިވަނީ ގުދުރަތީ މަރަކުން ކަމަށެވެ.

މުސްދިގު ވަނީ އޭނާގެ ކޮއްކޮ ސުމައިދު ގެއްލުނު ދުވަސްކޮޅު ސުމައިދު ހޯދަން ކުރަމުންދިޔަ މަސައްކަތާ ބެހޭ ގޮތުން 'ސަން'އަށް މައުލޫމާތު ވެސް ދީފައެވެ.

އިތުރު ދެ މީހަކާއެކު މަހަށް ގޮސް އުޅެނިކޮށް މުސްދިގުގެ ކޮއްކޮ ސުމައިދު ގެއްލިފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މަހަށް ގޮސް އުޅެނިކޮށް، ސުމައިދު ގެއްލުނީ ޑިންގީ ބަންޑުން ޖަހައިލައިގެން ކަމަށް އޭނާގެ އާއިލާއިން ގަބޫލެއް ނުކުރެއެވެ. އޭނާއާއެކު ދެން މަހަށް ދިޔަ ދެ މީހުން ވަނީ ފަތާފައި ގޮސް ސަންގްރިއްލާ ރިސޯޓް ކައިރީގައި އޮތް ފަޅު ރަށަށް އަރައިފައެވެ.