ޕެރިސް(19 ޖެނުއަރީ): ދީނީގޮތުން ހަައްދުފަހަނަ އަޅައިފައިވާ މީހަކު ފްރާންސްގެ ޖަލެއްގައި ދެ ގާޑުންގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

އެ ހާދިސާ ހިނގައިފައިވަނީ ފްރާންސްގެ ބޯގޯ ކިޔާ ޖަލެއްގައި އިއްޔެ ހެނދުނެ އެވެ. އެ ހާދިސާގައި ހަމަލާދިނުމަށް ބޭނުންކޮށްފައިވަނީ ކޮން އެއްޗެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ހަމަލާގައި ޒަހަމްވި ދެ ގާޑުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެއް ގާޑުގެ މޫނަށާއި އަދި ބުރަކަަށްޓަށް ވެސް ވަނީ ވަޅި ހަރައިފައެވެ.

ފްރާންސްގެ ޕެނިޓެންޝަރީން ބުނީ ހަމަލާދިން މީހާ އަކީ ދީނީ ގޮތުން ހައްދު ފަހަނަ އަޅައިފައިވާ މީހެއް ކަމަށެވެ. ނަމަވެސް އޭނާ ދީނީ ގޮތުން ހައްދު ފަހަނަ އަޅައިދިޔައީ ޖަލަށްލުމުގެ ކުރިން ކަމެއް ނުވަތަ އޭގެެ ފަހުން ކަމެއް ވަނީ ނޭނގިފައެވެ.

ހަމަލާ ދީން މީހާ ޖަލަށް ލައިފައިވަނީވެސް މީހަކު މަރާލުމުގެ ކުށުގައެވެ.

ފްރާންސްގެ ޖަލުތަކުގައި ގާޑުންނަށް ހަމަލާތައް އިތުރުވެފައިވާތީވެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެދި ގާޑުން ވަނީ މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން މުޒާހަރާތަކެއް ވެސް ކޮށްފައެވެ.

މިދިޔަ ހަފުތާގައި ވެސް އަލްގައިދާގެ ކުރީގެ މެމްބަރެއް ކަމަށްވާ ކްރިސްޓިއަން ގަންކްޒަރުސްކީ ވަނީ ކަތުރަކުން ޖަލެއްގައި ގާޑުންތަކަކަށް ހަމަލާދީ ޒަހަމްކޮށްލައިފައެވެ.

މަސްދަރު :އާރުޓީ