24 May 2010, 11:05
14:30
ގުއަންޓަނާމޯބޭ ޖަލުން ރާއްޖެ ގެންނަ މީހުންނަކީ ކުށެއްނެތް ބަޔަކަށްވާނަމަ، ދިވެހި ސަރުކާރުން އަމަލްކުރުން އެންމެ ރަނގަޅު ގޮތަކީ ކަމާ ބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން އެމީހުން މިނިވަންކޮށް، އެމީހުންގެ އަމިއްލަ ވަޒަނަށް އަނބުރާ ފޮނުވާލެވޭނެ ގޮތެއް ހޯދައިދިނުމަށް މަސައްކަތްކުރުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީ) ން ބުނެފި އެވެ.
އެޗްއާރުސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާގެ އަސްކަރީ ޖަލެއް ކަމުގައިވާ ގުއަންޓަނާމޯބޭ ޖަލުގައި ހައްޔަރުކޮށްފައި ތިބި ޤައިދީންގެ ތެރެއިން ދެ މީހަކު ރާއްޖެ ގެނައުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން، އެކި ފަރާތްތަކުން އެކަމާ ގުޅޭގޮތުން ތަފާތު ގޮތްގޮތަށް މައުލޫމާތު ފެތުރި ރައްޔިތުންނަށް އޮޅުންތަކެއް އަރާފައިވާތީ، ކަމާ ބެހޭ ފުރިހަމަ މައުލޫމާތު ސަރުކާރުން އާއްމު ރައްޔިތުންނާ ހިއްސާކުރުމަށް އެ ކޮމިޝަނުން ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުން އަމަލްކުރަން ރާވާފައިވާ ގޮތަކާއި ޤާނޫނު އަސާސީ އާއި ޤާނޫނުތައް، އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ ނައިނަލްއަގުވާމީ މުއާހަދާތަކުގެ އަލީގައި މިކަމުގެ ޤާނޫނީ ހައިސިއްޔަތު ރައްޔިތުންނަށް އެނގުމަކީ ރައްޔިތުންގެ ހައްޤަކަށް ވާހިނދު އެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދިނުނަކީ ލާޒިމް ކަމެއް ކަމަށްވެސް އެޗްއާރްސީގެ ބަޔާނުގައިވެ އެވެ.
ރާއްޖޭގައި ދީނުގެ ނަމުގައި ތަފާތު ހިޔާލުތައް ގިނަވެ، ޓެރަރިޒަމްގެ އަމަލުތައް ފެތުރިދާނެ ކަމުގެ ބިރުހީވެފައިވާ މިފަދަ ދަނޑުވަޅެއްގައި، ހަޤީޤަތް ނޭނގޭ އެފަދަ ބަޔަކު ރާއްޖޭ ގެނެސް، މުޖްތަމައުގެ ތެރެއަށް ދޫކޮށްލައިފިނަމަ ރާއްޖޭގެ އިޖްތިމާއީ، އިގްތިސާދީ އަދި ސިޔާސީ ހަމަޖެހުމަށް އެއްވެސް ނޭދެވޭ ބަދަލެއް އަތުވެދާނެތޯ އާއި ރާއްޖޭގެ އެތެރޭން ނުވަތަ ބޭރުން ނަމަވެސް ރާއްޖެއަށް އެކަމުގެ ސަބަބުން ނުރައްކަލެއް އަތުވެދޭނެތޯ އާއި މިނޫނަސް މިފަދަ އެތައް ސުވާލުތަކެއް ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދިދާނެ ހުރިހާ ސުވާލުތަކަށް ޖަވާބު ލިބޭނެ ފަދަ ގޮތަކަށް ސަރުކާރުން އެކަމުގެ ހަޤީޤަތް އޮޅުންފިލުވާދޭން ޖެހޭ ކަމަށް ވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެ އެވެ.