ހިނގަމުން މިދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއާއެކު އިއްތިހާދުވުމަށް ނިންމައި، އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ގަރާރެއް ނެރެފި އެވެ. 

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން މިގޮތަށް ނިންމީ، ރައީސް މުއިއްޒުގެ ސަރުކާރުގައި ބައިވެރިވެ، އެކުގައި މަސައްކަތް ކުރުމަށް ޕީއެންސީން ދިން ދައުވަތު ގަބޫލުކުރުމަށްފަހު އެކަމާ ގުޅޭގޮތުން ނެރުނު ގަރާރެއްގަ އެވެ. މި ނިންމުމާއެކު، މިހާރު ހިނގަމުންދާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައި އަދާލަތު ޕާޓީ މަސައްކަތް ކުރާނީ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގަ އެވެ.

މި ނިންމުން ނިންމި ސަބަބުތަކަށް އަލިއަޅުވާލަމުން އަދާލަތު ޕާޓީން ބުނީ، ރައީސް މުއިއްޒުގެ ވެރިކަމުގައި އިސްލާމީ ދީނުގެ ކަންކަން ހަރުދަނާކުރުމަށާއި، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެ ޕާޓީން ތާއީދުކުރާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އިޤްތިސާދު ވަރުގަދަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވުމަކީ ވެސް މި ނިންމުން ނިންމި މުހިންމު ސަބަބެއް ކަމަށް އެ ޕާޓީން ފާހަގަކުރެ އެވެ.

މި އިއްތިހާދުގެ ދަށުން 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކު މަސައްކަތް ކުރުމަށް ވެސް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ވަނީ ނިންމާފަ އެވެ.

އަދާލަތު ޕާޓީން އިތުރަށް ބުނި ގޮތުގައި، ޕީއެންސީއާއެކު ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭނުންވާ ހުރިހާ ބާރެއް މިހާރު ވަނީ ޕާޓީގެ ރައީސަށް ދިނުމަށް މަޝްވަރާ މަޖިލީހުން ނިންމާފަ އެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ދެ ޕާޓީގެ މެދުގައި ރަސްމީކޮށް އިއްތިހާދުވުމުގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެ އެވެ.