ކުރިއަށް އޮތް 3 ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެ ކަމަށާއި ބުރާސްފަތި ދުވަހުން ފެށިގެން ވިއްސާރަ އަލިވެ، މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވީ ކުރިއަށް އޮތް 3 ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވެ، ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް މި ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އާންމު ކޮށް މޫސުން ރަނގަޅުވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ކެރީގެ އަސަރު އެކި ހިސާބުތަކަށް ކުރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ވައި މަޑުވެ، ކަނޑުތައް ވެސް މަޑުވާން ފަށާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މިހާރު ވިއްސާރަކުރަމުންދާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެ އިދާރާއިން ބުނެ އެވެ.
އެހެންކަމުން، އެންމެހައި ފަރާތްތަކުން އެންމެ ފަހުގެ މޫސުމީ މައުލޫމާތުތަކަށް ސަމާލުވުމަށާއި، ވިއްސާރައާ ގުޅިގެން ކުރިމަތިވެދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ. ރަށު ތެރެ ފެން ބޮޑުވެ ގެތަކަށް ފެންވަދެ، ހިފައިގެންގުޅޭ އާލަތްތަކަށް ގެއްލުންވުމާއި ކަރަންޓު ކެނޑުމާއި ރުއްގަސްތައް ވެއްޓުން ފަދަ ހާދިސާތައް ހިނގާފައިވެ އެވެ.