މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރަމުން ދަނިކޮށް، ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށް އެރި 'ދެރަހަ' ބޯޓުގައި ތިބި ފަޅުވެރިން އެމްއެންޑީއެފުން ސަލާމަތްކޮށްފި އެވެ. 

އެމްއެންޑީއެފުން ބުނީ، މާލެއިންފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރަމުން ދަނިކޮށް، ގއ. ފެންފުއްޓާގެ އުތުރުފަރާތު ފަރަށް އެރި 'ދެރަހަ' ބޯޓުގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ނޮވެންބަރު 8 ވަނަ ދުވަހުގެ 00:40 ހާއިރު ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެ ސަރަހައްދަށް ދަތުރުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

އެގޮތުން، މި ބޯޓުން ދަތުރުކުރަމުންދިޔަ ހަތަރު ދިވެހީންނާއި، ހަ ބިދޭސީންގެ ތެރެއިން ހަތް މީހަކު 01:53 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑުގެ ހާބަރކްރާފްޓަށް ނަގާފައިވާ ކަމަށާއި އަދި ޑިންގީއެއްގައި ގދ. ފެންފުއްޓާއަށް އަރައި ތިބި ތިން މީހުން ވެސް 02:10 ހާއިރު ވަނީ ހާބަރ ކްރާފްޓަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

'ދެރަހަ' ބޯޓު ފުންކުރުމަށް އެ ބޯޓުގެ ވެރިިފަރާތުން ގެނައި "ސްވިފްޓް" ދޯނި 04:22 ހާއިރު އެ ސަރަހައްދަށް އައުމުން، އެ ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފަ އެވެ.

'ދެރަހަ' ބޯޓުގެ ވެރިފަރާތާ ގުޅިގެން، އެބޯޓު ފުންކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.