ކަނޑައެޅިގެން ގާނޫނުތަކާ ޚިލާފަށް ކަންކަން ކުރީމަ، އެމީހެއްގެ މައްޗަށް ގާނޫނު އަރާ ހަމަކުރާނެ ކަމަށާއި ރައީސް މުއިއްޒުގެ މައްސަލަ ވެސް އަދި ބެލޭނެ ކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރުމަށް ސަރުކާރާއި އީގަލް ހިލްސް ކުންފުންޏާ ދެމެދު ހަދާފައިވާ އެއްބަސްވުމަކީ ބޮޑު ޚިޔާނާތެއް ކަމަށެވެ. ރަސްމާލެއިން 500 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ އެއްބަސްވުމުގެ ކަންކަން ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ސަރުކާރުން ފޮރުވަމުންދާއިރު އެ މައްސަލަ ތަހުގީގުކުރާ ދުވަސް ވަރަށް ކައިރިވެއްޖެ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.
ކަނޑައެޅިގެން ގާނޫނުތަކާ ޚިލާފަށް ކަންކަން ކުރީމައި، އެމީހެއްގެ މައްޗަށް ގާނޫނު އަރާ ހަމަކުރާނެ. ކޮރަޕްޝަން ނުބެލޭ ސަރުކާރެއް ރާއްޖެއަކު ދެން ގާއިމުވެގެނެއް ނުދާނެ. ކޮންމެ ބަޔަކު ވެރިކަމަށް އައި ކަމުގައިވީ ނަމަވެސް މުއިއްޒުގެ މި ބޮޑު ޚިޔާނާތް ބަލަން ޖެހޭނެމުހައްމަދު މަލީހު ޖަމާލު
މަލީހު ވިދާޅުވީ މިކަމާ ދެކޮޅަށް އަޑު އުފުލުމަކީ މިއަދު އެންމެން ކުރަން ޖެހޭ މުހިއްމު ކަމެއް ކަމަށެވެ. ސަބަބަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކި ބިމެއް ބޭރުގެ ބަޔަކަށް ހިލޭ ދިނުމަކީ އޭގެ ސަބަބުން ދިވެހީންގެ މިނިވަންކަމަށް ނުރައްކާ އޮތް ކަމަކަށް ވާތީއާއި، ކުރިއަށް އޮތް ތަނުގައި އެމީހުން ރާއްޖޭގައި ވަޒަންވެރިވުމުން، ދިވެހި ރައްިޔިތުންނަށް ގޯއްޗާއި، އެޕާޓްމަންޓް ދޭނެ ބިމެއް ވެސް ނޯންނާނެތީ ކަމަށް މަލީހު ވިދާޅުވި އެވެ.
ރަސްމާލެ ތަރައްގީކުރުމަށް ފުށިދިއްގަރުފަޅު ހިއްކާފައިވަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެން ކަމަށް ވާއިރު، ދައުލަތުގެ މާލިއްޔަތަށް އެކުއިސިޝަން ކޮސްޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް، މި ބިމުން ބޮޑު ސަރަހައްދެއް ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިގު މުއްދަތަކަށް ދޫކޮށްލުމަކީ ރައްޔިތުންގެ ފައިސާއާ މެދު ވެވޭ ޚިޔާނާތެއް ކަމަށް މަލީހު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އެހެންކަމުން، އިސްލާމް ދީނާއި ދިވެހި ގައުމާއި މި ބިމާއި ރައްޔިތުންނާއި ގާނޫނު އަސާސީގެ ދިފާއުގައި މިއަދު ތެދުވަން ޖެހިފައިވާ ކަމަށް މަލީހު ވިދާޅުވި އެވެ. އަދި އޭނާ ވަނީ ހއ. ތުރާކުނުން ފެށިގެން އައްޑުއާއި ފުވައްމުލަކާއި މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ކުދި ބޮޑު އެންމެ މާލެ އަށް ޖަމާވެ މި ކަމާ ދެކޮޅަށް އަޑު އުފުލުމަށް ވެސް ގޮވާލައްވާފަ އެވެ.