ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެންދާއިރު ސަލާމަތީ ބާރުތަކުން ބަލަން ތިބެގެން ނުވާނެ ކަމަށާއި، ވެރިކަން ބަދަލުކުރުމަށްފަހު ސިފައިންނާއި ފުލުހުންގެ އިސްވެރިން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް ހައްގު އަދަބު ދޭނެ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ހަރަކާތުގައި ވާހަކަދައްކަވަމުން މާޒް ސަލީމް ވަނީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލެމުންދާއިރު ސިފައިންނާއި ފުލުހުންގެ އީމާންތެރިކަމާ މެދު ސުވާލު އުފައްދަވައި، އެ ފަރާތްތަކުގެ އަމަލުތަކާ މެދު ރައްޔިތުން ކަންބޮޑުވެ ޝައްކު އުފެދޭ ކަމަށް ވިދާޅުވެފަ އެވެ.
މާޒް ސަލީމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލެމުން ދަނީ ފައިސާ އާއި ރިޝްވަތުގެ ސަބަބުން ކަމަށެވެ.
ފުލުހުންނާ ސިފައިން މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާއިރު، އަޅުގަނޑު ހިތަށްއަރާ މިއަދު ފުލުހުންނާ ސިފައިންގެ އީމާންތެރިކަމާ މެދު ކޮބައިތޯއޭ ފުލުހުންނާއި ސިފައިންގެ އީމާންތެރިކަމަކީ؟ މިއަދު ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެން މި ދަނީ، ފައިސާއަށް މި ދަނީ، ގެއްލިގެން، ރިޝްވަތަށް ގެއްލިގެން މި ދަނީ. މި ދާއިރުގައި އަޅުގަނޑު ހިތަށްއަރަނީ ފުލުހުންނާއި ސިފައިންގެ އީމާންތެރިކަމަކީ ކޮބައިތޯއޭ؟ މިއަދު ތިޔަބޭފުޅުން ހީކުރައްވަނީތޯ ތިޔަބޭފުޅުންނަށް ރިޒުޤު ދެއްވަނީ މުއިއްޒު ކަމަށް؟ ނޫން، އެހެނެއް ނޫން. ﷲ ސުބްޙާނަހޫ ވަތަޢާލާ ރިޒުގު ދެއްވަނީއަހުމަދު ސަލީމް
މީގެއިތުރުން މާޒް ސަލީމް ވިދާޅުވީ، ރަސްމާލެ މަޝްރޫއު އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަނީ ރާއްޖޭގެ ފަސްގަނޑުގައި ޒަޔަނިސްޓުން ވަޒަންވެރި ކުރުވައި، ގައުމު އަޅުވެތިކުރުމަށް ކަމަށެވެ.
ތިޔަބޭފުޅުންގެ އީމާންތެރިކަމާ މެދުގައި އަޅުގަނޑުމެން މި ޤައުމުގެ ދިވެހި ރައްޔިތުން މިއަދު ކަންބޮޑުވެދޭ، ޝައްކުވެދޭ. ތިޔަބޭފުޅުންގެ އީމާންތެރިކަމާ މެދު އަޅުގަނޑުމެން ދިވެހިރާއްޖޭގެ ފަސްގަނޑުގައި ސަޔަނިސްޓުން ވަޒަންވެރިކުރުވަން ގެނެސް ގެނެސް، ތާއަބަދަށް މި ޤައުމު އަޅުވެތިކުރުމަށް ފާޅުގައި މަސައްކަތް ކުރަމުން ގޮސް، މި މަހުގެ 17 ވަނަ ދުވަހުގެ ފަހުން އަޅުގަނޑުމެން އަޅުވެތިކުރަން ނިންމާފައި އޮތް ހާލަތުގައިވެސް ތިޔަބޭފުޅުން ތި ތިއްބަވަނީ ބީރު ކަންފަތެއް ދެއްވައިގެންއަހުމަދު ސަލީމް
މާޒް ސަލީމް ވިދާޅުވީ މާތް ﷲ ގެ އިރާދަފުޅާއެކު މި ވެރިކަން ބަދަލުކުރާނެ ކަމަށާއި، އޭގެ ފަހުން އަސްކަރިއްޔާ އާއި ފުލުހުންގެ ތެރޭގައި އިސްކޮށް ތިއްބެވި ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށެވެ. އަދި އެ ޝަރީއަތްތައް ހިންގުމަށްފަހު އެ ފަރާތްތަކަށް ހައްގު އަދަބު ދޭނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ.
ރާއްޖޭގައި ހިނގާފައި ހުރި އެކިއެކި ވައްކަންތަކާއި ނޭދެވޭ ކަންކަމުގައި ރައްޔިތުން އަޅާނުލާ ދޫކޮށްނުލާނެ ކަން ފާހަގަކުރައްވައި މާޒް ސަލީމް ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު އަބަދަށް ގެއްލިގެންދާއިރު ދިވެހި ރައްޔިތުން މިފަހަރު އެކަން ދޫކޮށްނުލާނެ ކަމަށެވެ.