ދިވެހި ބިން ބޭރުގެ ފަރާތްތަކަށް ދިނުމާ ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތްތަކާ ދެކޮޅަށް ކިހާ ދިވެހި ރައްޔިތުންނެއް ނުކުމޭތޯ ބައްލަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަދައްކަވަމުން މެންބަރު މައުރޫފް ވިދާޅުވީ، ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ވަރަށް އިސް ލީޑަރަކު އޭނާ އަރިހުގައި އެ ވާހަކަ ވިދާޅުވި ކަމަށެވެ.
އެގޮތުން، ރައްޔިތުން މި ހަރަކާތްތަކާ ދެކޮޅުކަން ނުވަތަ މިކަމާ ދެކޮޅަށް ނުކުންނަނީ ކިހާ ރައްޔިތުންނެއްތޯ ބައްލަވަން ރައީސް މުއިއްޒު ބޭނުންފުޅުވާ ކަމަށާއި، މި ހަރަކާތް ރަނގަޅަށް ކުރިއަށްގެންދިއުމުގެ ފުރުސަތު އޮތްތޯ އަދި މި ހަރަކާތުގައި ދިވެހި ރައްޔިތުން ބައިވެރިނުވާނެ ކަމުގެ ޔަގީންކަން އެ ބޭފުޅުންނަށް އެބައޮތް ކަމަށް ޕީއެންސީގެ މެންބަރު ވިދާޅުވި ކަމަށް މެންބަރު މައުރޫފް ފާހަގަކުރެއްވި އެވެ.
އަޅުގަނޑު ބޭނުންވޭ ދިވެހި ރައްޔިތުންގެ އަރިހުން އެދެން މި ބިމުގައި ޒަޔަނިސްޓުން ވަޒަންވެރިކުރުމާ އަދި ދިވެހި ބިން ބޭރުގެ ފަރާތްތަކަށް ހިލޭ، ހުސްނުވާ 99 އަހަރަށް ނުވަތަ އުމުރަށް ދިނުމާ ދެކޮޅު ހެދުމުގެ ގޮތުން ރައީސް މުއިއްޒު އެ ވިދާޅުވި ވިދާޅުވުމަށް ގޮންޖައްސަވާފައި ދިވެހި ރައްޔިތުން އެކަމާ ދެކޮޅަށް ތިއްބެވިކަން ދެއްކުމަށްޓަކައި ވެސް 13 ނޮވެންބަރުގައި އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގަންނަވަންމައުރޫފް ޒާކިރު
މީގެއިތުރުން ރަސްމާލެ ނުވަތަ ދިވެހި ބިމުގައި ބޭރުގެ ފަރާތްތައް ވަޒަންވެރިކުރުވުމާ ދެކޮޅު ހަދަން ބޭނުންވާ ފަރާތްތަކާއި، މި މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮވާލަން ބޭނުންވާ އެންމެހައި ރައްޔިތުން ކުރިއަށް އޮތް ނޮވެންބަރު 13 ވާ ހުކުރު ދުވަހުގެ ރޭ 8:30 ގައި ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. އަދި ސޯޝަލް މީޑިއާގައި މި މަޝްރޫއު އަށް ނޫނެކޭ ބުނެފައިވާ ލޯގޯ ވީހާވެސް ގިނަ މީހުން ބޭނުން ކުރުމަށް މެންބަރު މައުރޫފް ގޮވާލެއްވި އެވެ.