މާލޭގައި
ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު
30 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

މި މައްސަލައިގައި
ހައްޔަރުކޮށްފައިވަނީ ކ. ހުރާ، ސާނީވިލާ، ހުސައިން ޝާވިން އާއި ތ. ތިމަރަފުށި، ވިލާ،
މަރްޔަމް އިޝާ އަޝްރަފް އަދި ސ. ހުޅުދޫ، ރޭޝަމް، މުހައްމަދު ނާހިލް އެވެ.

ފުލުހުން
މައުލޫމާތުދޭ ގޮތުގައި މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ
އެ ތަކެތި ބޭނުންކޮށް ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން
ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގަ އެވެ.

އެމީހުން
ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގަ އެވެ.

ފުލުހުން
ބުނި ގޮތުގައި މި އޮޕަރޭޝަންގައި 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި
މަސްތުވާތަކެތި އެކުލެވިގެންވާ 230 ވޭޕް ކާޓްރިޖާއި 26 ފުޅި ވޭޕް ފްލޭވަރ އަދި ބަނގުރާ
ފުޅިއެއް ފެނިފައިވެ އެވެ.

ފުލުހުން
ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި
މަސްތުވާތަކެތީގެ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި މައްސަލަ ހައްލުކުރުމަށް
ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމަންޓުން ދަނީ
ގުޅިގެން މަސައްކަތް ކުރަމުންނެވެ.