ރަސްމާލޭގައި ރާ ނުވިއްކޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނިކޮށް، އެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ވަކި ހޮޓާތަކަކަށް ލައިސަންސް ދީގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވާ އަޑު އިވޭ އޯޑިއޯއެއް އާންމުވެއްޖެ އެވެ.
އާންމުވެފައިވާ އެ އޯޑިއޯގައި ބަންޑާރަނައިބު އުޝާމް ވިދާޅުވީ، ރަސްމާލެ ތަރައްގީ ކުރަނީ ވަކި ރަށެއްގެ ގޮތުގައި ކަމަށެވެ.
އެގޮތުން އެތަނުގައި ވިޔަފާރިކުރާ ތަންތަނާއި ވަކި އޭރިއާއެއްގައި ހުންނަ ހޮޓާތަކުގައި ބަނގުރާ ވިއްކުމާ ގުޅޭގޮތުން ވާހަކަދައްކަވާފައިވެ އެވެ.
މީގެއިތުރުން ރާއްޖޭގެ ރިސޯޓުތަކެކޭ އެއްފަދައިން ވަކި ރަށެއްގެ ގޮތުގައި އޮންނައިރު ދިވެހިންނަށް އެތަންތަނަށް އެކްސެސް ނޯންނާނެ ކަމަށާއި، ރާއްޖޭގެ ގާނޫނުތަކާ ޚިލާފު ކަންތައްތަކެއް ނުކުރެވޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އެ ހޮޓާތަކަށް ލައިސަންސެއް ދީގެން އެ ހޮޓާތަކުގައި މިސާލަކަށް އެލްކޮހޯލް ވިޔަފާރިކުރާ ވާހަކަ މި ދައްކަނީ. ރަށުތެރޭގައި އެކަން ކުރާ ވާހަކައެއް ނޫން. މިހާރުވެސް ރާއްޖޭގެ ރިސޯޓުތަކުގައި އެކަން ކުރަނީތާ. މާނައަކީ ސަރުކާރުން ކަނޑައަޅާފައި ހުންނަ ހޮޓާތަކެއްގައި ފިޔަވައި އެހެން ތަންތަނުގައެއް ނޫން
މައުލޫމާތު ލިބޭ ގޮތުގައި މިއީ ރަސްމާލެ މަޝްރޫއު އީގަލް ހިލްސްއަށް ދާއިމީކޮށް ދޭ ކަމަށް ބުނާ މައްސަލައާ ގުޅިގެން ދީނީ އިލްމުވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި އުޝާމް ދެއްކެވި ވާހަކަތަކެކެވެ.
މިއީ ސައްހަ އޯޑިއޯއެއްކަން އަދި ރަސްމީކޮށް ކަށަވަރުވެފައި ނުވި ނަމަވެސް، ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ އެއީ އުޝާމުގެ އަޑު ކަމަށް ބުނެފަ އެވެ.
މި އޯޑިއޯ އާއްމުވެފައި މިވަނީ، ރަސްމާލެ މަޝްރޫއުގެ އެއްވެސް ސަރަހައްދެއްގައި ރަލާއި އޫރުމަސް ވިއްކުމުގެ ހުއްދަ ނުދެއްވާނެ ކަމަށާއި، އެއީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައި ވަނިކޮށެވެ.
މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.