ގއ. ކޮލަމާފުއްޓަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި، 45 ގެއަކަށާއި އެ ރަށު ސިއްހީ މަރުކަޒަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. 

އެކަމުގެ މައުލޫމާތު ހިއްސާކޮށް ފުލުހުން ބުނީ، އެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ދަނީ ރައްޔިތުންނަށާއި އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އެގޮތުން ސިއްހީ މަރުކަޒުގައި ފެންބޮޑުވުން ކޮންޓްރޯލްކުރުމުގެ މަސައްކަތުގެ އިތުރުން، އެކަނި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށާއި ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ. 

ފުލުހުންގެ އިތުރުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ އެ ރަށަށް ބޯކޮށް ވާރޭވެހި ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ، ކަރަންޓު ކެނޑި ގެއްލުންތަކެއް ވެފައިވާ ކަމަށް ބުނެފަ އެވެ. 

އެންޑީއެމްއޭ އިން ބުނީ ރައްޔިތުންނާއި ރަށު ކައުންސިލް ގުޅިގެން ފެންހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު، އިތުރު އެހީތެރިކަން ފޯރުކޮށް ދިނުމަށް ޕަންޕާއި ގެތަކަށް ފެންވަނުން ހުއްޓުވުމަށް ވެލިބަސްތާ ތައްޔާރުކުރުމަށް ބޭނުންވާ ގޯނި ހިފައިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑުން ވެސް ހަރަކާތްތެރިވުމަށް އެ ރަށަށް ގޮސްފައިވާ ކަމަށެވެ.