ސަރފިންގ ނުވަތަ ރާޅާއަޅާ ކުދިން މިހާރު ބޭނުން ކުރުމަށް ހުރި ފެސިލިޓީގެ ހާލަތު ވަރަށް ބޮޑަށް ގޯސް ކަމަށާއި އުއްމީދަކީ އެބޭފުޅުންގެ ވެރިކަމެއްގައި ސަރފިންގ އަށް ޚާއްސަ ފެސިލީޓީސް ވީ އެންމެ ފުރިހަމަކޮށް ގާއިމުކޮށްދިނުން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އާއި ރަނިންމޭޓް އާދަމް އާޒިމް ދަނީ މާލޭގެ އެކި ސަރަހައްދުތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން ހުކުރު ދުވަހު މާލޭ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ ރާޅާއެޅުމުގެ މުބާރާތް ބައްލަވާލައްވައި، އެސަރަހައްދުގައި ރާޅާއަޅާ ޒުވާނުންނާ ބައްދަލުކުރެއްވުމަށް ފަހު އާޒިމް ވިދާޅުވީ އެ ސަރަހައްދުގައި ނަގާ ރާޅުތަކަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ރާޅުތަކެއް ކަމަށެވެ.
އެހެންކަމުން ސަރފިންގގައި އުޅޭ ކުދިންނަށް ރަނގަޅު ތަނެއް، ރަނގަޅު ފެސިލިޓީ އެއް ހުރުމަކީ މުހިއްމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އާޒިމް ވިދާޅުވި އެވެ.
މިއަދު އަޅުގަނޑުމެން އައިސް ބަލާލީ މިތަނުގައި ކުރިއަށް ދިޔަ މުބާރާތް. އައިސް ބަލާލިއިރުގައި އެކުދިންނަށް ދީފަ މި ހުރި ފެސިލިޓީސްތައް ވަރަށް ބޮޑަށް ގޯސްކޮށް މިހުރީ. އެތަށް ޒަމާނެއް ވެއްޖެ އެކަމަށް އެދޭތާ. އެހެންވީމާ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އަޅުގަނޑުމެންގެ ސަރުކާރެއްގަ މިތަނަކީ ރީއްޗަށް ޑިވެލޮޕްވެފަ އޮންނަ ހިތް ފަސޭހަ އަދި ކުޅިވަރުތަކުގައި ބައިވެރިވާ ކުދިންނަށް ވެސް ފަސޭހަ ކަމާއެކު އައިސް އުޅެވޭނެ ތަނަކަށް ހަދާދޭން. އަދި އެމީހުންގެ ބޯޑުތަކާއި އެއްޗެހި ބަހައްޓާނެ ތަނެއް ހުންނަން އެބަ ޖެހޭ. ވަރަށް ގިނަ ފަހަރަށް ބޯޑެއް ހިފައިގެން މާލެ ތެރެއިން އައުމަކީ ފަސޭހަ ކަމެއް ނޫން. ސައިކަލުގައި ދިގު ބޯޑެއް ނުގެނެވޭ. އެހެން ވީމާ ޕިކަޕަކަށް ލައިގެން، ނޫނީ އެކަހަލަ ގޮތަކަށް އުޅެން މި ޖެހެނީއާދަމް އާޒިމް
އާޒިމް ވިދާޅުވީ މި ކުޅިވަރަކީ އެ ކުޅިވަރު ކުޅޭ ކުދިން އެތައް ރަން ވަނައެއް ހޯދާ ކުޅިވަރެއް ކަމަށާއި އަދި މިއީ އަބަދުވެސް ރަން ވަނަތަކެއް ހޯދޭނެ ކުޅިވަރަކަށްވާއިރު މިއަށްވުރެ ރަނގަޅު ފެސިލިޓީ އެއް ހުންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންކަމުން އެބޭފުޅުންގެ ސަރުކާރެއްގައި ވަރަށް ފުރިހަމަ ފެސިލިޓީ އެއް އެކުދިންނަށް ގާއިމުކޮށްދެއްވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.