ރައީސް ޑރ. މުހައްމަދު މުއިއްޒު ހީފުޅުކުރައްވަނީ ދިވެހީންގެ ހުންނަނީ ހިކަނދީގެ ވިސްނުން ކަމަށް ވެދާނެ ކަމަށާއި އެހެން ނަމަވެސް ރައްޔިތުން ކަންކަން ހަނދާން ނުނެތޭނެ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒަރިޔަންދު ވިދާޅުވީ ރައީސް މުއިއްޒު އަބަދުވެސް ވާހަކަފުޅު ދައްކަވަނީ ދެ އިރު ދެ ގޮތަށް ކަމަށެވެ. ފުރަތަމަ ދައްކަވާ ވާހަކަފުޅާއި އޭގެ ފަހުން ދައްކަވާ ވާހަކަފުޅު ދިމާނުވާ ކަމަށާއި ރަސްމާލެ ތަރައްގީ ކުރުމުގައި ވެސް އަދި މިހާރު ދިމާވެގެން އުޅޭ މައްސަލައިގައި ވެސް އެމަނިކުފާނު ދައްކަވާ ވާހަކަފުޅު ދިމާނުވާ ކަމަށް ޒަރިޔަންދު ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ ހީފުޅުކުރައްވަނީ ކަންނޭނގެ ދިވެހީންގެ ހުންނާނީ ހިކަނދީގެ ވިސްނުމޭ. ކަންކަން ހަނދާންވުމުގައި. 7 ދުވަސްތެރޭގައި ހަނދާން ނެތޭނެ އޭ. ނޫން ނޫން. ރައްޔިތުންނެއް ހަނދާނެއް ނުނެތޭނެ. ފުރަތަމަ ރަސްމާލޭގެ މަޝްރޫއު އިފްތިތާހު ކުރުމުގެ ގޮތުން ރައީސް ދެއްވި ތަގުރީރުގައި ވިދާޅުވީ ތިމަންނަމެން ދެން ބިއްލޫރި ޓަނަލެއްގެ ބިއްދޮށުންނޭ، ޗެނަލެއްގެ ތެރެއިންނޭ މާލެއާ ގުޅުވާލާނީ. އެޓަނަލްގެ ވާހަކައެއް މިހާރު ނުވެސް ދެއްކޭ
އިސްމާއީލް ޒަރިޔަންދު

އޭގެ ފަހުން ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު، ވަނީ ރާއްޖޭގައި އެކަން ކުރުމުގެ ގާބިލުކަމެއް ނެތް ކަމަށް ވިދާޅުވެފައިކަން ފާހަގަކުރައްވާ ޒަރިޔަންދު ވިދާޅުވީ، މިިނިސްޓަރު ވިދާޅުވި ގޮތުގައި ފުންމިން ވެސް ނޭނގޭ ވާދޫ ކަނޑު ހުރަސްކޮށް އެފަދަ ޓަނަލެއް އެޅުމުގެ ގާބިލުކަން ވެސް އެ ޓެކްނޮލޮޖީ ވެސް ދުނިޔޭގައި ނެތް ކަމަށެވެ. 

ރައީސް ވާހަކަފުޅެއް ދައްކަވާނަމަ، އެ ވާހަކަފުޅު އަބަދުވެސް އަންނާނީ ކުރިން ދެއްކެވި ވާހަކަފުޅު ނަފީކުރުމަށްފަހުގައި ކަމަށް ވެސް ޒަރިޔަންދު ވިދާޅުވި އެވެ. އޭގެ ސަބަބުން މިއަދު އެމަނިކުފާނު ދައްކަވާ ވާހަކަފުޅު ދިވެހި ރައްޔިތުންނަށް ގަބޫލުކުރަން އުނދަގޫވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިހާރު އެ ހިސާބު ދައްކާގޮތުން ރާއްޖޭގެ ޓޫރިޒަމް އާމްދަނީގެ މައިގަނޑު އާމްދަނީ ލިބޭނީ އެތަނަށް ކަމާއި އެތަނުން 12 ބިލިއަން ނުވަތަ 20 ބިލިއަން ލިބޭނީ އެތަނަށް ކަމާއި އެހެން ވިދާޅުވާ އިރު ރައީސް އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ރައްޔިތުންގެ ވަސީލަތާއި ފައިސާ އިން އެތަނަށް މިހާތަނަށް ޚަރަދު ކޮށްފައި ހުރި ގާތްގަނޑަކަށް ބިލައަނަކާ ގާތްކުރާ އަދަދަށް ޔޫއެސް ޑޮލަރު އެތަނަށް އަޅާފައިވީ. އެތަނަށް އެންމެ މަދުވެގެން 700 އާއި 1 ބިލިއަނާ ދޭތެރޭގެ ޔޫއެސް ޑޮލަރު އެތަނަށް އަޅާފައިވެއްޖެ. އަދި އެއާ އެކީގައި އެތަން ހިއްކުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން ނަގާފައި ހުރި ލޯނުތަކަށް އަހަރެއްގެ މައްޗަށް 22 އަށް މިލިއަން ޔޫއެސް ޑޮލަރު އިންޓްރެސްޓްގެ ގޮތުގައި ކުރިއަށް މިއޮތް 3 އަހަރުގެ ތެރޭގައި ދައްކަން ޖެހޭނެ
އިސްމާއީލް ޒަރިޔަންދު

ކޮންމެ ކަމެއްގައި ވެސް ފެންނަނީ އެމަނިކުފާނުގެ ވާހަކައާއި ކަން ހިނގާ ގޮތް ދިމާނުވާ މަންޒަރު ކަމަށާއި، މިއަދު ރަސްމާލެ މައްސަލައިގައި ރައްޔިތުން ކަންބޮޑުވެގެން އުޅޭއިރު، އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުން ހާމަކުރަންވީ ނޫންތޯ ޒަރިޔަންދު ސުވާލު އުފެއްދެވި އެވެ.