ބ. ދޮންފަނުގައި ގާއިމުކުރަމުންދާ ފެނާއި ނަރުދަމާ ނިޒާމުގެ ބޮޑުބައި ނިމިފައިވީ ނަމަވެސް، މުޅި މަޝްރޫއު އެއްކޮށް ނިންމައި ޚިދުމަތް ނުދެވި ދިގުލައިގެންދާ ދިއުމަކީ އެރަށު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށް ދޮންފަނު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ން ބުނެފި އެވެ.

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދޮންފަނު ޑަބްލިޔުޑީސީގެ ރައީސާ ސަހުމީނާ އަލީ ވަނީ އެރަށަށް ދިމާވެފައިވާ ގިނަ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

ސަހުމީނާ ވިދާޅުވީ، ރަށުގެ ރައްޔިތެއްގެ ހައިސިއްޔަތުން އަދި ޑަބްލިޔުޑީސީގެ ރައީސާގެ ހައިސިއްޔަތުން ވެސް މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފެނާއި ނަރުދަމާގެ މައްސަލަ ކަމަށެވެ. 

ރަށުގެ އެންމެ ބޮޑު މައްސަލައަކީ އަޅުގަނޑު ޑަބްލިޔުޑީސީގެ ރައީސެއްގެ ހައިސިއްޔަތުން އަދި ރަށުގެ ރައްޔިތެއްގެ ހައިސިއްޔަތުން ވެސް މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފެނާއި ނަރުދަމާގެ ހާލަތު. ތަންތަނުގައި ނުވެސް ހިނދޭ ފެންގަނޑުތައް އެ އޮންނަނީ. ވިއްސާރަ މޫސުމެއް ކުރިމަތިވެއްޖެއްޔާ ނަޖިހާއި ފެނާ އެކުވެގެން ކުޑަކުދިން ވެސް އުޅެންޖެހޭނީ
ސަހުމީނާ އަލީ

ސަހުމީނާ ވިދާޅުވީ، 2022 ވަނަ އަހަރުގެ މެދުތެރޭގައި ފެށި މި މަޝްރޫއުގެ ގާތްގަނޑަކަށް 85 އިންސައްތަ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލާފައިވާ ކަމަށެވެ. އަދި ބާކީ އޮތް ކުޑަ މިންވަރު ނިންމާނުލެވި އެތައް ދުވަހެއް ވެގެންދާއިރު ވެސް މަސައްކަތް އެއްކޮށް ނިންމައިނުލެވި އޮންނަ ސަބަބެއް ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުގެ އެކިބޭފުޅުން އެރަށަށް އަރައިފައިބަމުންދާ ކަމަށް ސަހުމީނާ ވިދާޅުވި އެވެ. 

ސަހުމީނާ ވިދާޅުވީ، އުންމީދަކީ ފެނާއި ނަރުމަދާ މަޝްރޫއުގެ ނުނިމި އޮތް ބައި އަވަހަށް ނިންމައި ރައްޔިތުންނަށް މި އަސާސީ ޚިދުމަތް ވީހާވެސް އަވަހަކަށް ލިބިގެންދިއުން ކަމަށެވެ. އަދި އެރަށު ގިނަ ރައްޔިތުން އެންމެ ބޮޑު އެދުމަކީ ވެސް އެއީ ކަމަށާއި، މިވަގުތަށް އެންމެ މުހިންމު ބޭނުންވާ އަސާސީ ޚިދުމަތަކީ ފެނާއި ނަރުދަމާގެ ޚިދުމަތް ކަމަށް އޭނާ ވިދާޅުވި އެވެ.