ދިވެހިރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ، ރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކޮށްދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެއީ ގާނޫނީ ގޮތުން ހުއްދަ ނޫން އަމަލަކަށް ވާތީ، އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. 

ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ވުމާއެކު، ދީނީ އަދި ޝަރުއީ އުސޫލުތަކާއި ރާއްޖޭގެ ގާނޫނުތަކާއި އާންމު އިޖުތިމާއީ އަދި އަހުލާގީ މިންގަނޑުތަކާ ހިލާފު އެފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެއިތުރުން ފުލުހުން ވަނީ، ރިސޯޓްތަކާއި ގެސްޓްހައުސްތައް ހިމެނޭހެން އެހެނިހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުން ވެސް މިފަދަ އަމަލުތައް ހިންގިޔަ ނުދިނުމަށް ހުރިހާ ފަރާތްތަކަށް ހަނދާން ކޮށްދީފަ އެވެ.

މި ފަދަ ކަންކަން ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފަ އެވެ.