ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް
ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

ޖޭއެސްސީން
މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން
ރިޓަޔަރކުރައްވަން ނިންމެވުމާ ގުޅިގެން ހުސްވާ މަގާމަށް ފަނޑިޔާރަކު އައްޔަންކުރުމަށެވެ.

ޖޭއެސްސީން
ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް
މަޝްވަރާދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް
ކުރިމަތިލައްވަން އެދިލައްވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުއްވުމަށް
ހުޅުވާލާފައިވާ ކަމަށެވެ.

އެހެންކަމުން
ފަނޑިޔާރުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން،
އެ މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން ކުރިމަތިލުމަށް އެ ކޮމިޝަނުން ވަނީ އެދިފަ
އެވެ.

މި މަގާމަށް
ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 8 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އެވެ.
ޖޭއެސްސީން ބުނި ގޮތުގައި ފަނޑިޔާރުކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ކޮމިޝަނުގެ
"ފަހިރެސް" ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އިންތިޒާމު މިހާރު
ވަނީ ހަމަޖައްސާފަ އެވެ.

ސުޕްރީމް
ކޯޓަށް ފަނޑިޔާރަކު ހޯދުމަށް އިއުލާނުކޮށްފައި މިވަނީ، އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު
ހުސެއިން އަމިއްލަފުޅަށް އެދިވަޑައިގަތުމުގެ ދަށުން ޝަރަފުވެރިކަމާއެކު ރިޓަޔަރކޮށްދެއްވުމަށް
ޖޭއެސްސީން ނިންމުމާ ގުޅިގެންނެވެ. ފަނޑިޔާރު އަލީ ރަޝީދު ރިޓަޔަރކުރެއްވުމަށް ހަމަޖެހިފައިވަނީ
2026 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ދިވެހިރާއްޖޭގެ
އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފަނޑިޔާރުންގެ
ގާނޫނުގައި ބަޔާންކުރާ ތައުލީމީ އަދި ތަޖުރިބާގެ ޝަރުތުތައް ފުރިހަމަވާންޖެހެއެވެ.