ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދޭ ކަމަށް ބުނެ، އެ މަޝްރޫއާ ދެކޮޅަށް ބާއްވަން ނިންމި ބޮޑު އެއްވުން މި މަހުގެ 13 ވާ ހުކުރު ދުވަހަށް ފަސްކޮށްފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝެއިޚް އިމްރާން ވިދާޅުވީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކާ ނުލައި އެ މަޝްރޫއު ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ކުރިން މި މަހުގެ 6 ވާ ހުކުރު ދުވަހަށް އިއުލާނުކުރި އެއްވުން ފަސްކުރީ، އެ ހަރަކާތަށް އިތުރަށް ތައްޔާރުވެ، ވީހާވެސް ގިނަ ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ޚާއްސަކޮށް އަތޮޅުތެރެއިން މި އެއްވުމަށް މާލެ އަންނަން ބޭނުންވާ ފަރާތްތަކަށް ތައްޔާރުވުމަށް އިތުރު ވަގުތު ދިނުމަކީ ވެސް މި ބަދަލު ގެނައި މުހިންމު އެއް ސަބަބު ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ޝެއިޚް އިމްރާން ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވަދެ، އެ ޕާޓީގެ ގައުމީ މަޖިލީހުން ވަރުގަދަ ގަރާރެއް ފާސްކޮށް ބޮޑު ތާއީދެއް ދީފައިވާ ކަމަށެވެ. އަދި އެމްޑީޕީން މިކަމުގައި އިސްނެގުމަކީ، ރައީސް މުއިއްޒަށް މި މަޝްރޫއު އިތުރަށް ކުރިއަށް ނުގެންދެވޭނެކަން ޔަގީންވުމަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށް ޝެއިޚް އިމްރާން ވިދާޅުވި އެވެ. 

އަޅުގަނޑުމެންގެ މި މަސައްކަތް ބޮޑުވެ ފުޅާވަމުންގޮސް މިއަދު މި ވަނީ ވަރަށް މުހިންމު ބޮޑު ބަދަލެއް މި ކަމުގެ ތެރެއަށް އައިސްފައި. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ފުރިހަމަ އަޣުލަބިއްޔަތުން، ގާތްގަނޑަކަށް އިއްތިފާގުންނޭ ބުނުމަކީ ވެސް ކުށަކަށް ނުވާނެ ކަންނޭނގެ، އެ ވަރުގެ ބޮޑު އަޣުލަބިއްޔަތަކުން ރަސްމާލެ މިހާރު މި އޮތް އެއްބަސްވުމާ ނުވަތަ މިހާރު ރައީސް މުޢިއްޒު ކުރިއަށް ގެންދަވަން އެ އުޅުއްވާ ކަންކަން އެ ގޮތަށް ކުރިއަށް ގެންދިއުމާ ދެކޮޅަށް މަސައްކަތްކުރުމަށް އެ އޮތީ ވަރަށް ފުރިހަމަ، ވަރަށް ވަރުގަދަ ގަރާރެއް ފާސްކުރައްވާފައި
އިމްރާން އަބްދުﷲ

ޝެއިޚް އިމްރާން ވިދާޅުވީ، އެއްވުން ފަސްކުރުމުން ލިބުނު ވަގުތަކީ މި ހަރަކާތް އިތުރަށް ވަރުގަދަކޮށް، ރަނގަޅަށް ތައްޔާރުވުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި މި މަހުގެ 13 ވާ ހުކުރު ދުވަހު މާލޭގެ މަގުތަކަށް ނުކުމެ މަގުތައް ފުރާލުމަށް ރައްޔިތުންނަށް އޭނާ ގޮވާލެއްވި އެވެ.