މޯލްޑިވްސް ގޭސް އިން ކައްކާ ގޭސް ފުޅިތައް ވިއްކާ މިންވަރު ލިމިޓްކޮށްފި އެވެ. 

މިކަން ހާމަކޮށް އެ ކުންފުނިން ވަނީ ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތަކެއް ހުރި ކަމަށް ބުނެފަ އެވެ. އަދި އެ ދަތިތަކާއެކު ވެސް މޯލްޑިވްސް ގޭސް އިން ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އެކުންފުނީގެ ގޭސްފުޅިތައް ބަރުކުރާ މިންވަރަށް ވަގުތީ ބަދަލެއް ގެނެސްފައިވާކަމަށް ކަމަށް ބުނެފައިވެ އެވެ.

އެގޮތުން، 10 ކިލޯގެ ފުޅިއަކަށް ދެން އަޅައިދޭނީ ހަތް ކިލޯގެ ގޭސް ކަމަށާއި، 22 ކިލޯގެ ފުޅިއަކަށް ދެން އަޅައިދޭނީ 14 ކިލޯގެ ގޭސް ކަމަށް އަދި 45 ކިލޯގެ ފުޅިއަކަށް ދެން އަޅައިދޭނީ 31 ކިލޯގެ ގޭސް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. 

މި ބަދަލުތައް ގެނެސްފައިވީ ނަމަވެސް މިކަމުގެ ސަބަބުން ގޭހުގެ އަގު ބޮޑުނުވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ފައިސާ ނަގަމުން ދާނީ މިހާރު ވެސް ކަނޑައަޅާފައިވާ ރޭޓުން ކަމަށް މޯލްޑިވްސް ގޭސް އިން މައުލޫމާތު ދީފައިވެ އެވެ. 

މީގެ އިތުރުން، ރާއްޖޭގައި ގޭސް ރައްކާކުރާ މިންވަރު އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މޯލްޑިވްސް ގޭސް އިން ބުނެފައިވެ އެވެ. އަދި މި މަޝްރޫއު ނިމުމުން މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. 

މިއަހަރު ފެބްރުއަރީ މަހު ވެސް މޯލްޑިވް ގޭސް އިން ލުއި ފުޅި ހުސްވުމާއި ގުޅިގެން ގޭސް ވިއްކާ މިންވަރު ކޮންޓްރޯލް ކޮށްފައިވާއިރު މާރޗް މަހުގެ ތެރޭގައި ވެސް ވަނީ ކައްކާ ގޭސް ވިއްކުން ލިމިޓްކޮށް، 10 ކިލޯގެ ގޭސް ފުޅިއަށް 5 ކިލޯގެ ގޭސް އަޅައިގެން ވިއްކާފަ އެވެ.