މިސްކިތަކަށް
ގެއްލުންދިން މައްސަލައެއްގައި ދައުވާ އުފުލާފައިވާ ނައުޝާދު މޫސާގެ މައްޗަށް ކުށް
ސާބިތުވާކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ޖަލު ހުކުމެއް އިއްވައިފި
އެވެ.
މި މައްސަލައިގައި
ފުލުހުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ނައުޝާދު މޫސާގެ މައްޗަށް
ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ 2026 ނޮވެންބަރު 1 ވަނަ ދުވަހު އެވެ.
ކްރިމިނަލް
ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، މިސްކިތަށް ގެއްލުންދިން މައްސަލައިގައި ނައުޝާދު
މޫސާގެ މައްޗަށް ކުށް ސާބިތުވާތީ، އޭނާ 1 މަހާއި 15 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް
ހުކުމްކުރާ ކަމަށެވެ. ނަމަވެސް، މި މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި
ބެހެއްޓުމަށް ކުރިން ކޯޓުން ނެރުނު އަމުރެއްގެ ދަށުން، އޭނާ މިހާތަނަށް ބަންދުގައި
ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާކަން ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން،
މި މައްސަލައިގެ ޝަރީއަތް ކުރިއަށްދިޔަ މުއްދަތުގައި ނައުޝާދު މޫސާ ބަންދުގައި 1 މަހާއި
21 ދުވަސް ހޭދަކޮށްފައިވާކަން ކޯޓުގެ ރެކޯޑުތަކުން އެނގެން އޮވެ އެވެ. ރާއްޖޭގެ ގާނޫނީ
އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، މީހެއްގެ މައްޗަށް ކުށް ސާބިތުވެ ހުކުމް ކުރާއިރު،
އެ މައްސަލައަކާ ގުޅިގެން އޭނާ ބަންދުގައި ހޭދަކުރި މުއްދަތު، އިއްވާ އަދަބުން އުނިކުރަންޖެހެ
އެވެ.
މި އުސޫލުގެ
ދަށުން، ނައުޝާދު މޫސާ ބަންދުގައި ހޭދަކުރި މުއްދަތު އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމުން
އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް މިހާރު ނެތް ކަމަށް ކްރިމިނަލް
ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. ސަބަބަކީ އޭނާގެ މައްޗަށް އިއްވި 1 މަހާއި 15 ދުވަހުގެ
ހުކުމަށްވުރެ، އޭނާ ބަންދުގައި ހޭދަކުރި 1 މަހާއި 21 ދުވަހުގެ މުއްދަތު އިތުރުވުމެވެ.
މި މައްސަލައިގައި
ނައުޝާދު މޫސާ ތަންފީޒުކުރަންޖެހޭ އިތުރު އަދަބެއް ނެތުމާ ގުޅިގެން، އޭނާ ޝަރީއަތް
ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މީގެކުރިން ނެރެފައިވާ އަމުރު
އެ ކޯޓުން މިހާރު ވަނީ ބާތިލުކޮށްފަ އެވެ. މިއާއެކު އޭނާ މިހާރު ވަނީ ބަންދުން މިނިވަންވެފަ
އެވެ.
2026 ސެޕްޓެންބަރު 10
ވަނަ ދުވަހުގެ ފަތިހު 04:14 އެހައިކަންހާއިރު މަސްޖިދުލް ފުރްގާންއަށް ވަދެ،
މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް
ހިންގައި، މިސްކިތް ތެރެއަށް ޤަޟާއުޙާޖާ ކުރިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރީ
ސެޕްޓެމްބަރު މަހު އެވެ. އޭގެ ކުރިންވެސް އޭނާ އެފަދަ މައްސަލަތަކެއްގައި
ހައްޔަރުކޮށްފައިވެ އެވެ. އެގޮތުން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެސް މިފަދަ
މައްސަލައެއްގައި އޭނާ ހައްޔަރުކުރި އެވެ.