29 އޮކްޓޫބަރ 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު 38.99 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފި އެވެ.
އެ މިނިސްޓްރީ އިން އާންމު ކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ބުނީ ޚަރަދުތަކަށް ބަލާއިރު، 29 އޮކްޓޫބަރ 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 38.99 ބިލިއަން ރުފިޔާގައި ކަމަށެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16.2 އިންސައްތައިގެ އިތުރުވުމެއް ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.
މީގެ ތެރެއިން ހިނގަމުންދާ ޚަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗަރ 16.9 އިންސައްތަ އިތުރުވެ 33.68 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 12.0 އިންސައްތަ އިތުރުވެ 5.30 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.
މުވައްޒަފުންގެ
މުސާރަ އާއި އިނާޔަތްތަކަށް ކުރި ޚަރަދު 14.7 އިންސައްތަ އިތުރުވެ 6.15 ބިލިއަން
ރުފިޔާއަށް އަރާފައިވާއިރު، އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށް 20.28 ބިލިއަން
ރުފިޔާ ހޭދަކޮށްފައިވެ އެވެ. ބިމާއި އިމާރާތް ފަދަ އިންފްރާސްޓްރަކްޗަރ
ވަސީލަތްތަކަށް ކުރި ކެޕިޓަލް ޚަރަދު 10.4 އިންސައްތަ އިތުރުވެ 4.63 ބިލިއަން
ރުފިޔާއަށް އަރާފައިވެ އެވެ. މީގެ ތެރެއިން ބިމާއި އިމާރާތްތަކަށް ކުރި ހޭދަ 35.4
އިންސައްތަ އިތުރުވެފައިވާއިރު، ފާލަންތަކާއި ބަނދަރުތަކަށް ކުރި ޚަރަދު ވެސް ވަނީ
20.1 އިންސައްތަ އިތުރުވެފަ އެވެ.
އެހެނިހެން މުހިންމު ރިކަރަންޓް ޚަރަދުތަކުގެ ތެރޭގައި ހިމެނޭ އެހީ އާއި ސަބްސިޑީއަށް ކުރި ހޭދަ 34.9 އިންސައްތަ އިތުރުވެ 10.81 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. މީގެ ތެރެއިން ސަބްސިޑީއަށް 4.31 ބިލިއަން ރުފިޔާ އަދި އާސަންދައަށް 1.96 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ކައުންސިލްތަކަށް ދޭ ގްރާންޓްގެ ގޮތުގައި 2.08 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
29 އޮކްޓޫބަރ 2026 ގެ ނިޔަލަށް ދައުލަތުގެ ބަޖެޓްގެ ޖުމްލަ
ބެލެންސް ހުރީ 4.47 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ. އަދި ޕްރައިމަރީ ބެލެންސް
ހުރީ 0.33 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގަ އެވެ.
އެ މުއްދަތުގައި ދައުލަތަށް ޖުމްލަ އާމްދަނީ އާއި
ހިލޭ އެހީގެ ގޮތުގައި 34.52 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ
އަހަރުގެ އެ މުއްދަތުގައި ލިބުނު 32.79 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.3
އިންސައްތައިގެ ކުރިއެރުމެއް ކަމަށް، މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.
މި
ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ޓެކްސް އާމްދަނީއަށް އައި ބަދަލެވެ. އެގޮތުން
މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 24.48 ބިލިއަން ރުފިޔާއާ އަޅާބަލާއިރު،
މިއަހަރު ޓެކްސް އާމްދަނީ ވަނީ 9.1 އިންސައްތަ އިތުރުވެ 26.70 ބިލިއަން ރުފިޔާއަށް
އަރާފަ އެވެ.
ދައުލަތުގެ
އާމްދަނީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ފަތުރުވެރިކަމުގެ މުދަލާއި
ޚިދުމަތްތަކުން ނެގޭ ޓެކްސް (ޓީޖީއެސްޓީ) އިން ލިބުނު އާމްދަނީ ވަނީ 5.0
އިންސައްތަ އިތުރުވެފަ އެވެ. އެއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 8.88
ބިލިއަން ރުފިޔާއިން 9.32 ބިލިއަން ރުފިޔާއަށެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ
ދާއިރާއިން ލިބޭ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި ލިބެމުންދިއުމާއެކު، ފާއިތުވެދިޔަ
ހަފުތާއަށް ބަލާއިރުވެސް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވެސް ޓީޖީއެސްޓީ އިންނެވެ.
އާމްދަނީ
ލިބޭ އެހެނިހެން ދާއިރާތަކަށް ބަލާއިރު، ވިޔަފާރި އާއި މުދަލުން ނެގޭ ޓެކްސް ވަނީ
23.7 އިންސައްތަ އިތުރުވެ 6.07 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އިމްޕޯޓް ޑިއުޓީ
12.3 އިންސައްތަ އިތުރުވެ 2.90 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އާންމު މުދަލާއި
ޚިދުމަތްތަކުން ނެގޭ ޓެކްސް (ޖީޖީއެސްޓީ) ގެ ގޮތުގައި 4.63 ބިލިއަން ރުފިޔާ
ވަނީ ލިބިފަ އެވެ. ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 2.3 އިންސައްތަ
އިތުރުވެ 1.88 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން
މުދަލުން ލިބޭ އާމްދަނީ 28.2 އިންސައްތަ އިތުރުވެ 2.27 ބިލިއަން ރުފިޔާއަށް
އަރާފައިވަނީ ރިސޯޓްތަކުގެ ކުލިން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެންނެވެ. ހިލޭ
އެހީގެ ގޮތުގައި 0.53 ބިލިއަން ރުފިޔާ ލިބިފައިވީ ނަމަވެސް، ޖުމްލަ ޓެކްސް ނޫން
އާމްދަނީ ވަނީ 8.8 އިންސައްތަ ދަށަށް ގޮސްފަ އެވެ.