ރައީސް ޑރ މުހައްމަދު މުއިއްޒު މާލެ ސިޓީ މޭޔަރު ކަމުގައި ހުންނެވި އިރު ވެސް ވިސްނުން ބެހެއްޓެވީ އެމަނިކުފާނުގެ ޖީބަށް ލެވޭނީ ކޯއްޗެއްތޯ ބެލުމަށް ކަމަށާއި ރައީސް މުއިއްޒުއަކީ ރައްޔިތުންނަށް އިހްލާސްތެރި ބޭފުޅެއް ނޫން ކަމަށް އެމްޑީޕީ ގައުމީ މަޖިލީހުގެ ބ. ހިތާދޫ ދާއިރާގެ ރައީސް އާޔަތުﷲ ހުސެއިން ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީން ގެނެސްދޭ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި ވާހަކަ ދައްކަވަމުން އަޔަތުﷲ ވިދާޅުވީ އީގަލް ހިލްސްއަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދޫކޮށްލުމަކީ ރައްޔިތުން ދެކޮޅު ކަމެއް ކަން ރައީސް މުއިއްޒުއަށް އިނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ދިވެހިރާއްޖެއަށް ފޮރިން އިންވެސްޓްމަންޓެއް އައީ އަލަކަށް ނޫން ކަމަށާއި މީގެ ކުރިން ވެސް ދިވެހިރާއްޖޭގައި ފޮރިން އިންވެސްޓްމަންޓްތައް ހިންގާފައިވާ ކަމަށް އާޔަތުﷲ ވިދާޅުވި އެވެ. 

އެގޮތުން ރަސްމާލެ މަޝްރޫއު މިހާރު އޮތްގޮތަށް ވުރެ ރަނގަޅަށް، ދެފުށް ފެންނަ ގޮތަކަށް ކަންތައް ކޮށްފައި އަދި މި މަޝްރޫއުގެ ދަށުން ދިވެހި ރައްޔިތުންނަށް އޮތީ ކޮން ފައިދާއެއްތޯ ބަލާފައި ނޫނީ މި މަޝްރޫއު ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް އާޔަތުﷲ ވިދާޅުވި އެވެ.

ހަމައެއާއެކު ދިވެހިރާއްޖޭގައި އިންވެސްޓް ކުރާނަމަ ދިވެހި ރައްޔިތުންނަށް ވެސް ހިލޭ ނުލިބޭ ކަމަށާއި ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެ ހިލޭ ނުދެވޭނެ ކަމަށް އާޔަތުﷲ ވިދާޅުވި އެވެ. 

މީތި ވާން ޖެހޭނީ ކުލީގެ ގޮތުގައި އޭ މީތި ބާއްވަން ޖެހޭނީ އެނޫން ގޮތަކަށް މީތި ނުވާނެ، އިކުއިޒިޝަން ކޯސްޓް ނަގާފައި ޕްލަސް އަޅުގަނޑުމެންނަށް އެހެން ގައުމުތަކުގައި އެބަހުއްޓޭ ސްޓޭޓްއާ އެއްކޮށް ދައުލަތާއި އެއްކޮށް 35 ޕަސަންޓްގެ ޖޭވީ އެގްރީމަންޓްތައް ހަދާފައި މިކަމުގެ ޑީލްތައް ކުރިއަށް ގެންގޮސްފައި އެހެންވީމަ އަބަދު ވެސް ބަލަން ވާނީ މީގައި ރައްޔިތުންނަށް މީގަ ފައިދާ ވާނެ ގޮތަކަށޭ. 
އާޔަތުﷲ ހުސެއިން

މީގެ އިތުރުން އާޔަތުﷲ ވަނީ ރައީސް މުއިއްޒުއަކީ އިހްލާސްތެރި ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ އެމަނިކުފާނަށް ފާޑު ވިދާޅުވެފައި އެވެ. 

ތިބޭފުޅުންނަށް ހަނދުމަފުޅު ވާނެ އެންމެ ފުރަތަމަ ހައުސިންގ މިނިސްޓްރީގައި ރައީސް ވަހީދު ދައުރުގައި މިބޭފުޅާ ހުރިއިރު މީބޭފުޅާއަކަށް ނޭނގުނޭ، މިހާރު ޑީ ވޯޓަރިންގ ކުރާއިރު އާންމުކޮށް ހޮޅިތައް އަޅާނީ އަޑިން ހުރިހާ ގައުމެއްގައި ވެސް އެކަމަކު މިބޭފުޅާ އެ ހުރިހާ ހޮޅިތައް އެޅީ ޑީ ވޯޓަރިންގ ކުރަން ވެގެން މާލޭގެ މަގުތަކުގައި އެޅީ މަތިން އެއީ މިހާ މިބުނާ އެއްޗަކީ އަޅުގަނޑުދެން ވަރަށް ތިލަކޮށް ބުނާނަން މިހާ ތަންދޮރު ނޭނގޭ، މިހާ ގަމާރު މީހަކު މިގައުމުގެ ވެރިކަމަށް މިހުރީ 
އާޔަތުﷲ ހުސެއިން

ހަމައެއާއެކު އާޔަތުﷲ ވިދާޅުވީ މާލެ ސިޓީ މޭޔަރު ކަމަށް ވަޑައިގަތުމަށްފަހު ވެސް ވިސްނުން ބެހެއްޓެވީ އެމަނިކުފާނު ޖީބަށް ލެވޭނީ ކޯއްޗެއްތޯ ބެލުމަށް ކަމަށެވެ. އަދި ގައުމު ވިއްކާލާފައި ނަމަވެސް ރައީސް މުއިއްޒުގެ އަމިއްލަފުޅު ފައިދާއަށް ކޮންމެ ކަމެއް ވެސް ކުރައްވާނެ ކަމަށް އާޔަތުﷲ ވިދާޅުވި އެވެ.