ކެލާ ކައުންސިލް ޤުރުއާން މުބާރާތް 1448" ގައި ބައިވެރިވުމުގެ ފުރުސަތު ހއ. ކެލާ ކައުންސިލް އިދާރާއިން އަންގާރަ ދުވަހު ހުޅުވާލައިފި އެވެ.

ކެލާ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖައްސައި، ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމުގެ މަޤްސަދުގައި ބާއްވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ނޮވެމްބަރު މަހުގެ 19 އިން 21 އަށެވެ.

ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލައި ކިޔެވުމުގެ ގޮފި ހިމެނޭހެން ބާއްވާ މި މުބާރާތް ޖުމްލަ 7 އުމުރުފުރާއަކަށް ވަނީ ބަހާލެވިފަ އެވެ. އޭގެތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުމުރުފުރާގެ އިތުރުން، 6 އަހަރުން ދަށް، 9 އަހަރުން ދަށް، 12 އަހަރުން ދަށް، 15 އަހަރުން ދަށް، 20 އަހަރުން ދަށް އަދި 20 އަހަރުން މަތީގެ އުމުރުފުރާ ހިމެނެ އެވެ.

ކެލާ ކައުންސިލުން ބުނި ގޮތުގައި، މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 10 ނޮވެންބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތުދެ އެވެ.