ހުޅުމާލޭގައި "ރިވެލި ބީޗް ކްލަބު އެންޑް ރެސްޓޯރެންޓް" ހިންގަމުންދިޔަ ބިން، ކުލީގެ ގޮތުގައި ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ އޮތް މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަތުލައިފި އެވެ.
އެޗްޑީސީން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލޭގެ ލޮޓް ނަންބަރު 10877 އެ ބިމުގައި ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުން މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ހޯމަ ދުވަހުން ފެށިގެން އެ ބިމުގައި އެއްވެސް ބާވަތެއްގެ ވިޔަފާރި މުއާމަލާތެއް ކުރުމާއި، އެއްވެސް ހިދުމަތެއް ދިނުމަކީ މަނާކަމެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ އާންމުކޮށް އަންގާފަ އެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، ވިޔަފާރި ހިންގުމަށް އެ ކުންފުންޏަށް ދޫކޮށްފައިވާ އެ ބިން އަތުލަން ނިންމީ ކުލި ނުދައްކާ ދިގު މުއްދަތެއް ވެފައިވާތީ އެވެ. ނަމަވެސް ކުލީގެ ގޮތުގައި ނުދައްކާ ހުރީ ޖުމްލަ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އެޗްޑީސީން ހާމައެއް ނުކުރެ އެވެ.
އެ ކޯޕަރޭޝަނުން އިތުރަށް ބުނީ، މި ފިޔަވަޅު އަޅާފައިވަނީ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ހުރިހާ ނޯޓިސްތަކެއް ދީ، ފައިސާ ދެއްކުމަށް އެކަށީގެންވާ ގިނަ ފުރުސަތުތަކެއް ދިނުމަށްފަހު، ކަނޑައެޅިފައިވާ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ.
މީގެ އިތުރުން އެޗްޑީސީން ފާހަގަކުރި ގޮތުގައި، މިފަދަ ނިންމުމެއް ނިންމަނީ ހުޅުމާލޭގައި ހިދުމަތްދޭ ވިޔަފާރިތަކަށް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ފުރުސަތު ދިނުމަށް ފަހުގަ އެވެ. އަދި އެ ކޯޕަރޭޝަންގެ އަމާޒަކީ އަބަދުވެސް ހުޅުމާލޭގައި ވިޔަފާރިކުރާ ފަރާތްތަކަށް ވީހާވެސް ފަހި މާހައުލެއް ބިނާކޮށްދިނުން ކަމަށް ވެސް އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެ އެވެ.