ވައި ނުސާފުވުމުގެ ސަބަބުން އިންސާނުންގެ ހަށިގަނޑަށް ކުރު އަދި ދިގު މުއްދަތަކަށް ސިއްހީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، ވައިގެ ފެންވަރު ދަށްވުމުގެ ސަބަބުން ސިކުނޑިއާއި ނާރުގެ ބަލިތައް ޖެހުމާއި، ވިސްނުމުގެ ބާރު ދެރަވުން ފަދަ ސީރިއަސް މައްސަލަތައް ކުރިމަތިވެ އެވެ. މީގެއިތުރުން، މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތެރި ސިއްހީ މައްސަލަތަކާއި ކުޑަކުދިންގެ ފުއްޕާމޭ ހެދިބޮޑުވުމަށް ހުރަސްއެޅުމުގެ އިތުރުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވާކަން އެ އެޖެންސީން ވަނީ ފާހަގަކޮށްފަ އެވެ.

މި ދުވަސްވަރު ރާއްޖޭގެ ބައެއް އަތޮޅުތަކަށް ދުންފުނީގެ އަސަރު ކުރަމުންދާތީ، ސިއްހީ ގޮތުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ. ޚާއްސަކޮށް ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކާއި ކުޑަކުދިންގެ އިތުރުން ދޮށީ އުމުރުގެ މީހުން ބޭރުގައި ގިނަވަގުތު ހޭދަނުކުރުމަށާއި، ކޮންމެހެން ބޭރަށް ނުކުންނަންޖެހޭ ހާލަތްތަކުގައި މާސްކު އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފަ އެވެ.

ވައި ނުސާފުވުމުގެ ސަބަބުން ދުރަށް ފެންނަ މިންވަރު ދަށްވެފައިވާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ވެސް ދަތުރުތައް ރޭވުމާއި ދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.