ހޯމްސްކޫލިން ތައާރަފު ކުރުމަށްޓަކައި ތައުލީމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލު ބަލައިގަނެ، ބިލު ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އާއި، އިޖްތިމާއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އަކަށް ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ހުށަހެޅުއްވި އެ ބިލު މަޖިލީހުން ބަލައިގަނެފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ބިލުގައި ވަނީ ހޯމް ސްކޫލިން އަށް ކުއްޖަކު ޝަރުތު ހަމަވާނީ މައިގަނޑު ސަބަބަތައް ހިމަނާފަ އެވެ. އެ ސަބަބުތަކަކީ، ސްކޫލަށް ހާޒިރުވެގެން ކިޔަވަން ނުކުޅެދޭ ވަރުގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއް ކުއްޖާގެ ކިބައިގައި ހުރުން ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުން ނުވަތަ ނަފުސާނީ މައްސަލައެއް ހުރުން ނޫން އެހެން ސަބަބެއް މެދުވެރިވުމެވެ.
އޭގެ އިތުރުން ކުއްޖާގެ ބެލެނިވެރިންނަކީ، ހޯމް ސްކޫލިން ޕްރޮގްރާމެއްގެ ދަށުން ކުއްޖާއަށް ތައުލީމް ދިނުމުގެ މާލީ ގާބިލުކަން ހުރި ފަރާތަކަށްވުމާއެކު ރަސްމީ ތައުލީމުގެ ނިޒާމުގައި ރަޖިސްޓްރީކޮށްފައިވާ ކުއްޖަކަށް އެ ކުއްޖާ ވާން ޖެހޭނެ ކަމަށް ވެސް ބިލުގައި ވެ އެވެ.
ހޯމްސްކޫލިން އުސޫލުން ވެސް ކިޔަވަން ދަތިވާ ފަދަ މައްސަލަތަކެއް ހުންނަ ކުއްޖަކަށް ނަމަ ރަސްމީ ތައުލީމު ދިނުން ލާޒިމުނުވާ ގޮތަށް ތައުލީމުގެ ގާނޫނު ބަދަލުކުރަން ވެސް އެ ބިލުގައި ހުށަހަޅާފައި ވެ އެވެ.
މި ބިލުގެ ބަހުސްގައި އިދިކޮޅު އެމްޑީޕީ ގެ މެންބަރުން ވަނީ މި ބިލާމެދު ހުރި ކަންބޮޑުވުންތައް ފާޅު ކުރައްވާފަ އެވެ. ސްކޫލަށް ދިއުމަށް އުނދަގޫވާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހޯމް ސްކޫލިންގެ ފުރުސަތު ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނަމަވެސް އެކަން ކުރަންޖެހޭނީ ރަނގަޅު ސިސްޓަމެއްގެ ތެރެއިން ކަމަށް އެމްޑީޕީ މެންބަރުން ވިދާޅުވި އެވެ. އެހެން ނޫން ނަމަ، އެ ބިލު ފާސްވެގެން ދިއުމަކީ ނުރައްކާތެރި ކަމެއް ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.
އިދިކޮޅު މެންބަރުން ފާހަގަ ކުރެއްވި ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިން އެތަށް ބުރައެއް އުފުލަން ޖެހޭއިރު މި ބިލުގައި ގެނެސްފައިވާ އިސްލާހުގައި ވާގޮތުން ހޯމް ސްކޫލިންގ ދެން ދެވޭނީ މުއްސަނދިންގެ ދަރިންނަށެވެ. އަދި މި ބިލުގެ 13 ވަނަ މާއްދާގެ (ސ) ގައި އޮތް ގޮތުން ވަޒީފާއާ ބެހޭ ގާނޫނުން ލިބިދޭ ބައެއް ހައްގުތައް އުނިވެގެންދާ ކަމަށް ވެސް މެންބަރުން ވިދާޅުވި އެވެ.
މި މާއްދާތައް މިގޮތަށް އޮވެގެން މި ބިލަކީ ފާސްކުރަން ހެޔޮ ވާވަރު އެއްޗެއް ނޫން ކަމަށް އެމްޑީޕީ މެންބަރުން ވިދާޅުވި އެވެ.