ރަސްމާލޭގެ ބޮޑު ބައެއް ދީފައިވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ރައީސް މުއިއްޒު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިނަމަ، ވަގުތުން މަގާމުން އިސްތިއުފާ ދެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ނިންމަވާފައިވާން "ރާއްޖެއެމްވީ" އަށް ކަށަވަރުވެއްޖެ އެވެ.

މި ނޫހަށް އިތުބާރުހުރި މަސްދަރަކުން ކަށަވަރުކޮށްދީފައިވާ  ގޮތުގައި، ސަރުކާރުން އެ އެއްބަސްވުމުގައި ސޮއިކުރުމާ ދެކޮޅަށް ވަޒީރު ޑރ. ޝަހީމް ވަނީ އެމަނިކުފާނުގެ ސްޓޭންޑް ހާމަކުރައްވާފަ އެވެ.

އީގަލް ހިލްސް ކުންފުންޏާއެކު ހަދަން އުޅޭ އެއްބަސްވުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހުގައާއި އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި، ވަޒީރު ޑރ. ޝަހީމް މިފަދަ ނިންމެވުމެއް ނިންމެވިކަން ވަނީ ކަށަވަރުވެފަ އެވެ. 

މިކަމާ ގުޅޭގޮތުން ޝަހީމުގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީން ފޮނުވި މެސެޖުތަކަށް އެމަނިކުފާނު އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

މި މައްސަލައިގައި ސަރުކާރުގެ އެތެރޭގައި ވެސް ޚިޔާލުތަފާތުވުންތައް އުފެދިފައިވާ ކަމަށް އަޑުތައް ފެތުރިފައިވާއިރު، ސަރުކާރުގެ ކުރީގެ ކެބިނެޓް ވަޒީރުން ވެސް ވަނީ މިކަމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. 

ދިވެހިންގެ ޓެކްސް ފައިސާއިން ހިއްކަމުންދާ ރަސްމާލޭ ސަރަހައްދުން ބޮޑު ބިމެއް ވަގުތުން އެއްވެސް އެއްޗެއް ނުލިބޭ ގޮތަށް 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދިނުމުގެ މުއާމަލާތާ ގުޅިގެން، އެތައް ފަރާތްތަކަކުން ދަނީ މި އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރުމަށް ގޮވާލަމުންނެވެ. އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ އިގްތިސާދީ ފައިދާއާއި ޤާނޫނީ ސައްހަކަން ކަށަވަރުކުރުމަށްޓަކައި، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވީހާވެސް އަވަހަކަށް މިނިވަން އޮޑިޓެއް ހެދުމަށް އިގްތިސާދީ އަދި މާލީ ތަޖުރިބާކާރުން ދަނީ ގޮވާލަމުންނެވެ.

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ދީފައިވާ އީގަލްސް ހިލްސްގެ ވެރިޔާ މުޙައްމަދު އަލައްބާރު ރާއްޖެއަށް ކުރި ދަތުރުގައި ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިންނާއި ސަރުކާރުގެ އިސް ބޭފުޅުންގެ ހާޒިރުގައި، "އަބްދުﷲ" ނަމަކަށް ކިޔާ ފަރާތަކަށް އެތައް މިލިއަން ޑޮލަރެއް ދީފައިވާކަން ވެސް ވަނީ ހާމަވެފަ އެވެ.