ރަސްމާލެ މަޝްރޫއާ ގުޅިގެން ކުރީގެ ނައިބްރައީސް
ޑރ. މުހައްމަދު ޖަމީލް އަހުމަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއް ވަރަށް ބޮޑަށް
ވައިރަލްވެ، ކުރު މުއްދަތެއްގެ ތެރޭގައި 1.5 މިލިއަނަށްވުރެ ގިނަ މީހުން އެ ޕޯސްޓު
ބަލައިފި އެވެ.

 އެކްސްގައި
ކުރެއްވި މި ޕޯސްޓުގައި ޑރ. ޖަމީލް ވަނީ ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާ އީގަލް ހިލްސް
ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ
އެވެ.

ޑރ. ޖަމީލްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ
ގޮތުގައި، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ދިވެހި ރައްޔިތުންގެ ޚިޔާލު ބަދަލުކުރުމަށްޓަކައި
މުހައްމަދު އަލައްބާރާއި އީގަލް ހިލްސް ކުންފުނިން ބޭނުންކުރަމުންދާ އުސޫލުތަކަކީ ދިވެހިންނަށް
އައު އުސޫލުތަކެއް ނޫނެވެ. އަދި ދިވެހިރާއްޖެއަކީ އެތައް ގަރުނެއް ކުރިން ފެށިގެން އިސްލާމީ
ގައުމެއްކަން ފާހަގަކުރައްވައި، ދިވެހިންގެ ދީނާއި، މިނިވަންކަމާއި، ގައުމީ ވަންތަކަމަކީ
ފައިސާއަށް ވިއްކާލެވޭނެ އެއްޗެއް ނޫންކަމަށް ޖަމީލް ވިދާޅުވި އެވެ.

އަލައްބާރަށް މުޚާތަބުކުރައްވައި ޖަމީލް
ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މައްޗަށް ފައިސާ ބޭނުންކޮށްގެން
ނުފޫޒު ފޯރުވިދާނެ ކަމަށް ގަބޫލުކުރެއްވި ނަމަވެސް، އަމިއްލަ އެދުންތަކަށް ސަރުކާރުން
ދޭ އެއްބާރުލުމަކީ ދިވެހި ރައްޔިތުންގެ ރުހުން ކަމަށް ހީނުކުރެއްވުމަށެވެ.

 ބޭރުގެ
މަސްލަހަތުތަކަށްޓަކައި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި، ގައުމީ ސަލާމަތާއި، މިނިވަންކަމަށް
އުނިކަމެއް އަތުވެދާނެ އެއްވެސް ކަމަކަށް ދިވެހިން ދުވަހަކު ވެސް ފުރުސަތެއް ނުދޭނެކަމުގެ
ޔަގީންކަން ވެސް އެމަނިކުފާނު ދެއްވި އެވެ.

މީގެ އިތުރުން، އެކުވެރި އަރަބި އިމާރާތުގެ (ޔޫއޭއީ)
ވެރިންނާއި އެ ގައުމުގެ ރައްޔިތުންނަށް ދިވެހިން އަބަދުވެސް ނުހަނު އިހުތިރާމް ކުރާކަން
ޖަމީލް ފާހަގަކުރެއްވި އެވެ. ނަމަވެސް އެ އިހުތިރާމަކީ ދެފަރާތުން ވެސް ކުރަންޖެހޭނެ
ކަމެއް ކަމަށާއި، ގައުމުގެ ދިފާއުގައި ދިވެހިންގެ ކިބައިގައި ހުރި ސާބިތުކަމާއި ވަރުގަދަ
އަޒުމް ކުޑަކޮށް ނުދެއްކެވުމަށް ޖަމީލް ވަނީ ގޮވާލައްވާފަ އެވެ.

މި ޕޯސްޓުގައި ޑރ. ޖަމީލް ވަނީ ޔޫއޭއީގެ ރައީސް
މުހައްމަދު ބިން ޒައިދުގެ އިތުރުން، މުހައްމަދު އަލައްބާރު އާއި ރައީސް ޑރ. މުހައްމަދު
މުއިއްޒު ވެސް ޓެގް ކުރައްވާފަ އެވެ. މި ޕޯސްޓަށް މިހާ ބޮޑު ސަމާލުކަމެއް ލިބިފައި
މިވަނީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އާންމުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ކުރެވެމުންދާ
ދަނޑިވަޅެއްގަ އެވެ.