ކ. ދިއްފުށިފަޅު
ހިއްކައިގެން ރިސޯޓެއް ތަރައްގީކުރުމަށް 50 އަހަރުގެ މުއްދަތަށް ވިޔަފާވެރިޔާ ހާމިދު
އިސްމާއީލަށް ކުއްޔަށް ދިނުމަށް ދިވެހި ދައުލަތާއެކު ވެފައިވާ އެއްބަސްވުމަކީ ސައްހަ،
އަދި މިހާރު ވެސް ދެމިއޮތް އެއްބަސްވުމެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމްކޮށްފި
އެވެ.

ހައިކޯޓުން
މިގޮތަށް ކަނޑައެޅީ، ޓޫރިޒަމް މިނިސްޓްރީން އެ އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން
ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނިންމި ގޮތް ހާމިދު އިސްމާޢީލްގެ ފަރާތުން
އިސްތިއުނާފު ކުރުމުންނެވެ.

ދިއްފުށިފަޅުގައި
ރިސޯޓެއް ތަރައްގީކުރުމަށް ދައުލަތާއި ހާމިދު އިސްމާއީލާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ
19 ފެބްރުއަރީ 2015 ގަ އެވެ. ނަމަވެސް ފަހުން ޓޫރިޒަމް މިނިސްޓްރީން ވަނީ އެ އެއްބަސްވުން
ބާތިލުކޮށްފަ އެވެ.

މި މައްސަލަ
ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައިވަނީ، އެ އެއްބަސްވުމަކީ ޓޫރިޒަމާ
ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހަކާ ހިލާފަށް ހަދާފައިވާ ބާތިލު އެއްބަސްވުމެއް
ކަމަށާއި، އެއީ އުފެދުމުގައި ވެސް ބާތިލު އެއްބަސްވުމެއް ކަމަށެވެ.

މި ނިންމުން
ހާމިދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު ފާހަގަކޮށްފައިވަނީ، ޓޫރިޒަމާ
ބެހޭ ގާނޫނަށް ގެނައި ދެވަނަ އިސްލާހުގެ ދަށުން އެ ގާނޫނުގެ 8 ވަނަ މާއްދާއަށް ގެނެސްފައިވާ
ބަދަލުތައް މި މައްސަލައަށް ތަތުބީގު ކޮށްފައިވަނީ އެއްބަސްވުމުގައިވާ މާއްދާތަކަށް
ރަނގަޅަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަދުލުވެރިކަމާއެކު
ޝަރީއަތް ކުރުމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް، ހަމައެކަނި ދައުލަތަށް މަންފާ
ލިބޭ ގޮތަށް ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާކަން ވެސް އިސްތިއުނާފީ ނުކުތާތަކުގައި
ފާހަގަކޮށްފައިވެ އެވެ.

މި މައްސަލައިގައި
ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، 2017 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީން
އެ އެއްބަސްވުން ބާތިލުކުރުމަށް ފޮނުވި ނޯޓިހަކީ އެއްބަސްވުމާ ހިލާފަށް ފޮނުވާފައިވާ
ބާތިލު ނޯޓިހެއް ކަމަށެވެ.

އެހެންކަމުން، ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމަކީ
ސައްހަ އަދި ދެމިއޮތް އެއްބަސްވުމެއް ކަމަށް ކަނޑައަޅައި، އެ އެއްބަސްވުމާ އެއްގޮތަށް
އަމަލު ކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް ހައިކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެގޮތަށް ނިންމެވީ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.

ހައިކޯޓުގައި
މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އިސްފަނޑިޔާރު
އަބްދުﷲ ޖަމީލް މޫސާ އާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު މުހައްމަދު ޝަނީޒް
އަބްދުﷲ އެވެ. މި މައްސަލައިގައި ބެންޗުގެ އަގުލަބިއްޔަތުން ހުކުމް ކުރި ނަމަވެސް،
ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔު މި މައްސަލައިގައި ތަފާތުވެފައިވާކަން ފާހަގަކުރެވެ
އެވެ.