އާބިޓްރޭޝަނާ ގުޅޭ އެއްވެސް ކަމެއް ނުކުރި ނަމަވެސް މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އެމްއައިއޭސީ) ގެ ފާއިތުވި 3 އަހަރު 3 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އުފެއްދި މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރު 2025 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްމި ރިޕޯޓުން ދައްކާގޮތުގައި އެ ސެންޓަރުގެ މާލީ ކަންކަން ހިންގާ ބަލަހައްޓާފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށެވެ.
މިދިޔަ އަހަރަށް އެމްއައިއޭސީއަށް ފާސްކޮށްފައި ވަނީ 3,667,255 ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓަށް ގެނެވުނު ބަދަލުތަކާ އެކު ފައިނަލް ބަޖެޓުގެ ގޮތުގައި ކަނޑައެޅުނީ 3,391,157 ރުފިޔާ އެވެ. 2025 ވަނަ އަހަރު ނިމުނުއިރު އެ ސެންޓަރުން ޖުމްލަ ޚަރަދުގެ ގޮތުގައި 3,330,473 ރުފިޔާ ބޭނުންކޮށްފައިވެ އެވެ. މިއާ އެކު ފާސްކުރި ބަޖެޓުން 276,098 ރުފިޔާ ބާކީވެފައިވާއިރު، ފައިނަލް ބަޖެޓުން ބާކީވެފައި ވަނީ 60,685 ރުފިޔާ އެވެ.
އެމްއައިއޭސީގެ ޚަރަދުތައް ބެހިފައިވާ ގޮތަށް ބަލާއިރު ޖުމްލަ ޚަރަދުގެ 98 އިންސައްތަ ނުވަތަ 3,247,953 ރުފިޔާ ހޭދަކޮށްފައި ވަނީ ރިކަރަންޓް ޚަރަދުތަކަށެވެ. އަދި މީގެ ތެރެއިން މުވައްޒަފުންނަށް ހިނގި ޚަރަދުގެ ގޮތުގައި 2,382,916 ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއީ ރިކަރަންޓް ޚަރަދުގެ 76 އިންސައްތަ އެވެ. މީގެއިތުރުން ކެޕިޓަލް ޚަރަދުގެ ގޮތުގައި ހޭދަކޮށްފައި ވަނީ ޖުމްލަ ޚަރަދުގެ 2 އިންސައްތަ ނުވަތަ 82,520 ރުފިޔާ އެވެ.
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، އެ ސެންޓަރަށް ދޫކުރެވުނު ބަޖެޓުގެ ތެރެއިން ޚަރަދުތައް ކޮށްފައި ވަނީ ކަނޑައެޅިފައިވާ މިންވަރަށް، އަދި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަންތައްތަކަށެވެ. މީގެ އިތުރުން މި އޮޑިޓް ކުރިއަށް ގެންގޮސްފައި ވަނީ އިންޓޮސައިގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.