ފުވައްމުލަކު ފުނާޑު އަވަށުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހިންގަމުންދާ ކުނިގޮނޑު ހުސްނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން، މުޅި ސަރަހައްދަށް ނުބައިވަސް ފެތުރި އާންމު އުނދަގުލަކަށް ވެގެން ގިނަ ބަޔަކު ޝަކުވާކުރަން ފަށައިފި އެވެ.

ގޮނޑު ކައިރީގައި ދިރިއުޅޭ މީހުން ބުނާ ގޮތުގައި، ކުނިގޮނޑުގައި ކާދު ހެދުމަށްޓަކައި ކޮނެފައިވާ ވަޅުގަނޑަކަށް ކުނިވާ ޒާތުގެ ކުނި އެޅުމުގެ ސަބަބުން ކައިރި ގޭގޭގެ ވަޅުފެން ނަޖިސްވެ، ބޭނުންނުކުރެވޭ ހިސާބަށް ވަނީ ގޮސްފަ އެވެ. މީގެ އިތުރުން، މުޅި ސަރަހައްދުގައި މެހީގެ އުނދަގޫ އިންތިހާއަށް ބޮޑުވެފައިވާއިރު، ކުނިގޮނޑާ މާ ދުރުނޫން ހިސާބެއްގައި ހުންނަ ހާފިޒް އަހުމަދު ސްކޫލް (ހޭޒް) ގެ ކްލާސްތަކަށް ނުބައިވަސް ވަނުމުގެ ސަބަބުން ދަރިވަރުންނަށް ކިޔަވައިދިނުމަށް ވެސް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

މިކަމާ ގުޅިގެން ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވީ، ކުނީގެ މައްސަލަ ހައްލުކުރުމަށް ވެމްކޯއާއި އެންވަޔަރުމަންޓް މިނިސްޓްރީއާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެތަނުގައި ހުރި ލެގަސީ ވޭސްޓްތައް ގއ. ދިޔަދޫއަށް ގެންދިއުމަށް ވެމްކޯއާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ރަށަށް ގެނެސްފައިވާ އިންސިނެރޭޓަރާއި ކާދު ތައްޔާރުކުރާ މެޝިންތަކުގެ ބޭނުން ވެމްކޯއިން ނުހިފާތީ، ކައުންސިލުން މިހާރު ދަނީ ގްރާންޓް ފަންޑެއްގެ ދަށުން އަމިއްލައަށް އިންސިނެރޭޓަރެއް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ލިރާރު ވިދާޅުވެފައިވެ އެވެ.